ވިޔަފާރި

މަސްވެރިކަމުގެ އާލަތްތައް ވިއްކާ ޚާއްޞަ ފިހާރައެއް ނައިފަރުގައި


މަސްވެރިކަމުގެ އާލަތްތައް ވިއްކުމަށް ޚާއްޞަ ފިހާރައެއް ނައިފަރުގައި ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައި ވަނީ ނައިފަރުގެ މަސްވެރިންނާއި އޮޑިވެރިންނާއި ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދަޢުވަތު ދީގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ނައިފަރު ޖަލާލުއްދީނު މަގުގައި ހުންނަ މިފިހާރަ ރަސްމީކޮށް ހުޅުވައި ދިނީ، މަސްވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ އަހަރު ޚިދުމަތްކޮށްފައިވާ، ނައިފަރުގެ ދެ ފަރާތް ކަމަށްވާ، ޢަބްދުލްހާދީ މުޙައްމަދާއި މައުމޫން ޙުސައިންފުޅެވެ.

ވަދު ޕްރޯގެ ނަމުގައި ހުޅުވި މި ފިހާރައިން ކަނޑުމަސްވެރިކަމާއި، ކަންނެލި މަސްވެރިކަމާއި އަދި ފަރުމަސްވެރިކަމަށް ބޭނުންވާ ތަފާތު ވައްތަރުގެ އާލާތްތައް ލިބެން ހުންނާނެ ކަމަށް އެފިހާރައިން ބުނެއެވެ. މީގެރެތޭގައި މަސްވެރިކަމަށް ބޭނުންވާ އެކި ސައިޒުގެ ދޮއްޓާއި، އެކި ބްރޭންޑްގެ ރީލުފަދަ ސާމާނު ހިމެނެއެވެ. ވަދު ޕްރޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޖަވާދު ބުނީ، މިފަދަ ފިހާރައެއް ނައިފަރުގައި ހުޅުވީ، އެރަށަކީ މަސްވެރި ރަށަކަށްވާތީ މަސްވެރިކަން ކުރަންބޭނުންވާ ސާމާނު އެރަށުން ލިބުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ނައިފަރުގެ މަސްވެރިން ބުނީ މަސްވެރިކަމާގުޅޭ މިފަދަ ފިހާރައެއް ހުޅުވިގެން ދިއުމަކީ ނައިފަރުގެ އިތުރުން މިސަރަހައްދުގައި މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށްވެސް ލިބިގެންދިޔަ ވަރަށްބޮޑު ލުއިފަސޭހަ އެއްކަމަށެވެ.

މިއީ މަސްވެރިކަމުގެ އާލަތްތަކަށް ޚާއްޞަކޮށްގެން ނައިފަރުގައި ހުޅުވި ފުރަތަމަ ފިހާރައެވެ.