ކުޅިވަރު

"ކޮޓީނިއޯ ނުގަނެވުނީ ލިވަޕޫލުން 200 މިލިއަން ބޭނުންވުމުން"


ކޮޓިނިއޯ ބާސެލޯނާއަށް ނުގެނެވުނީ ފަހު ވަގުތު ލިވަޕޫލުން 200 މިލިއަން ޔޫރޯ ބޭނުންވުމުންކަމަށް ބާސެލޯނާއިން ބުނެފިއެވެ. 

ނިމިގެންދިޔަ ޓްރާންސްފަރ މާކެޓުގައި ބާސެލޯނާއަށް ބަދަލްވާނެކަމަށް ބެލެވުނު ކޮޓީނިއޯގެ ސޮއި ބާސެލޯނާއަށް ނުހޯދުނީ ލިވަޕޫލުން ކޮޓީނިއޯ ވިއްކާލަން ދެ ކޮޅު ހެދުމުންނެވެ. ބާސެލޯނާއިން ފުރަތަމަ ހުށަހެޅި ތިން ބިޑަށްވެސް ލިވަޕޫލުން ފުރަގަސްދިންއިރު، ޓްރާންސްފަރގެ ފަހު ދުވަހު ލިވަޕޫލުން ކޮޓީނިއޯ ވިއްކާލަން ބޭނުންވީ 200 މިލިއަން ޔޫރޯއަށެވެ. 

ބާސެލޯނާގެ ސްޕޯޓިންގ ޑިރެކްޓަރ އަލްބާޓް ސޯލާރ ބުނީ ގިނަ ދުވަސްތަކެއްގެ މަޝްވަރާއަށްފަހު ލިވަޕޫލުން ކޮޓީނިއޯ ވިއްކާލަން އެއްބަސްވި ނަމަވެސް އެކުލަބުން ފަހު ވަގުތު ބޭނުންވި އަގަކީ ގަބޫލުކުރެވޭ އަގެއް ނޫންކަމަށެވެ. ކޮޓީނިއޯ ބާސެލޯނާއަށް އަންނަން ބޭނުންވެގެން ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި، އޭނާ ކުރި މަސައްކަތް ފާހަގަކުރާކަމަށްވެސް އަލްބާޓް ސޯލާ ބުންޏެވެ. 

"ކޮޓީނިއޯ ސޮއިނުކުރެވުނީ ލިވަޕޫލުން ކަންތައްކުރި ގޮތުން، ފަހު ވަގުތު ހުރިހާ ކަމެއް ހަމަޖެހުނީމަ އަގަކަށް މިކީ 200 މިލިއަން ޔޫރޯ، އަހަރުމެންނަށް ލޮޖިކަލީ އެ އަގު ދޭން ބޭނުން ނުވީ" އަލްބާޓް ސޯލަރ ބުންޏެވެ.

އޭނާ ބުނީ ކޮޓީނިއޯ ކުރި ހުރިހާ މަސައްކަތެއް ފެނަށް ދުއްވާލީ ލިވަޕޫލުންކަމަށާއި، އެ އަގަކީ ކޮޓީނިއޯގެ ކޮންޓްރެކްޓްގައިވެސް ހިމެނޭ އަގެއް ނޫންކަމަށެވެ. 

ނޭމާގެ އަގު 222 މިލިއަން ޔޫރޯއަށް އެރި ސަބަބަކީ އޭނާގެ ކޮންޓްރެކްޓްގައި އެކަން ފާހަގަކޮށްފައިވާތީކަމަށައި، ކުޅުންތެރިޔާގެ ކޮންޓްރެކްޓް އުވާލާނަމަ އެކަމަށްވެސް އުސޫލުތަކެއް ކޮންޓްރެކްޓްތަކުގައި ހިމަނާފައި ހުންނަކަމަށް ސޯލާރ ބުންޏެވެ. 

ކޮޓީނިއޯގެ ސޮއި ނުލިބުނުކަމުގައިވިޔަސް ބާސެލޯނާއިންވަނީ ބްރެޒިލްގެ މިޑްފިލްޑަރ ޕައުލީނިއޯ އަދި ޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭ އެޓީމަށް ގެނެސްފައެވެ.