ކުޅިވަރު

"ސީނިއަރ ޓީމަކޭ އެއްގޮތަށް ޖޫނިއަށް ޓީމަށްވެސް އިސްކަން ދޭންޖެހޭ"


ސީނިއާރ ގައުމީ ޓީމަށް އިސްކަންދޭ ވަރަށް ޖޫނިއާރ ގައުމީ ޓީމްތަކަށްވެސް އިސްކަންދޭން ޖެހޭކަމަށް 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނެފިއެވެ. 

19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް މިހާރު ދައްޔާރުވަމުންދަނީ 19 އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕްއަށެވެ. 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް އިހުސާން އަބްދުލް ޢަނީ ބުނީ ރާއްޖޭގެ ޖޫނިއާރ ޓީމްތަކަކީ ރާއްޖޭގެ ކުރިމަގުކަމަށާއި، ޖޫނިއާރ ޓީމްތަކަށް މިހާރު އިސްކަން ދީފިނަމަ، މާދަމާ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު އުޖާލާވާނެކަމަށެވެ. އަދި މިހާރުވެސް ޖޫނިއާރ ޓީމްތަކަކަށް އިސްކަންދޭން ލަސްވެއްޖެކަމަށް އިހުސާން އަބްދުލް ޢަނީ ފާހަގަކުރިއެވެ. 

އޭނާ ބުނީ ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުންވެސް ޖޫނިއާރ ޓީމްތަކަށް ވަރަށް ބޮޑަށް އިސްކަންދީގެން ކުޅުންތެރިން އުފެއްދުމަށް ވިސްނަން ވެއްޖެކަމަށެވެ. މިހާރު ފުރަތަމަ ޑިވިޝަންގެ ޓީމްތަކުގައި ޖޫނިއާރ ކުޅުންތެރިންނަށް ފުރުސަތު ދޭތަން ފެނުމަކީ ވަރަށް އުފާވާކަމެއްކަމަށާއި، ކުރިއަށް އޮތްތަކުގައި މިގޮތަށް ކަންތަށްތަށް ދާނަމަ، ޒުވާން ޓީމްތަކުންވެސް ނަތީޖާ ނެރޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ކޯޗް އިހުސާން އަބްދުލް ޢަނީ ބުންޏެވެ.

" ޔޫތް އެބަޖެހޭ މަޖުބޫރު ކުރަން. ޔޫތްއަށް އިސްކަންދޭންވީ ހަމައެކަނި އެފްއޭއެމްއެއް ނޫން. އެންމެންވެސް އެކަމަށް އިސްކަންދޭން އެބަޖެހޭ. މިހާރު އެކުލަވާލާފައިވާ 19 އަހަރުން ދަށުގެ ޓީމްގައިވެސް އެންމެ ދެ ކުޅުންތެރިން ފިޔަވާ އެއްވެސް ކުޅުންތެރިއަކު ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިގެ އެއްވެސް މެޗްއެއް ކުޅެފައެއް ނުވޭ. މެޗް ތަށް ކުޅޭވަރަކަށް މިކުދިންވެސް ކުރިއަރާނީ. އަޅުގަނޑުމެންނާއި އެންމެ ވާދަވެރި ބޫޓާން، އިންޑިޔާ، ނޭޕާލްއިން ޖުނިއާރ ޓީމްތަށް މިހާރު ވަރަށް ބޮޑު އިސްކަމެއްދޭ. މިގައުމްތަކުން އެކިފެންވަރުގެ އެކި މެޗްތަށް މިހާރު ދަނީ ކުޅެމުން. ޖޫނިއާރ ޓީމްތަކަށް އެބަޖެހޭ މަދުވެގެން 20 ވަރަކަށް ވާދަވެރި މެޗް ކުޅެން ކުޅެން ލިބެން. އޭރުން މިކުދިންވެސް ކުރިއަރާނީ. މިވަރަށް އިސްކަންދީފިނަމަ، އަޅުގަނޑުމެންގެ ކުދިންވެސް ނަތީޖާ ނެރޭނެ." އިހުސާން ބުންޏެވެ.

ނިމިގެންދިޔަ 16 އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނަތީޖާގެ ވާހަކަ އެންމެ ދައްކާއިރު، އެކަމުގައި ހުރި ދަތިތަކުގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާކަން ފާހަގަކޮށް އިހުސާންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.