ކުޅިވަރު

ޤަތަރުގެ ކޭމްޕްގެ ހުރިހާކަމެއްވެސް ވަރަށް ފުރިހަމަ - މެނޭޖަރ އީސާ


ޓީމްގެ އެންމެ ބޮޑު މޯޓިވޭޝަނަކީ ޤަތަރުގައި ޓީމްގެ ކަންކަން ހަމަޖެހިފައި ހުރިލެއް ފުރިހަމަކަން ކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރ މުޙައްމަދު ޢީސާ ބުނެފިއެވެ. 

މެނޭޖަރ މުޙައްމަދު ޢީސަ ބުނީ ޤަތަރުގައި ކޭމްޕްކޮށް ފަރިތަ ކުރުންތައް ކުރިޔަށް ގެންދާއިރު ކެއުމާއި އެކޮމޮޑޭޝަންގެ ކަންކަންވެސް ހުރީ ވަރަށް ރަނގަޅަށް ހަމަޖެހިފައި ކަމަށެވެ. ހަމަ އެހެންމެ ޓްރެއިނިންގް ދަނޑާއި ދަތުރުފަތުރު ކުރުންވެސް އެއްވެސް މައްސަލައެއް ނުޖެހި ކޮންމެ ދުވަހަކު ކުރިޔަށްދިއުމާއެކު ކުޅުންތެރިންވެސް އެކަންކަން ވަރަށް ރަނގަޅަށް ބަލައިގަންނަ ކަމަށެވެ. ސަބަބަކީ ޓްރެއިނިންގެ މިހާ ހިސާބަށް އައި އިރު އެއްވެސް ކުޅުންތެރިއަކު ޝަކުވާއެއް ހުށަހަޅާފައި ނެތުމުން ކަމަށެވެ. 

ގައުމީ ޓީމްގެ މެނޭޖަރު ބުނީ އުއްމީދު ކުރަނީ ޤަތަރު ކޭމްޕް ނިންމުމަށްފަހު އޮމާނާ ދެކޮޅަށް ކުޅޭ މެޗުން ހިތްހަމަ ޖެހޭވަރުގެ ނަތީޖާއެއް ނެރުން ކަމަށެވެ. ރޭންކްގެ ގޮތުން ކިތަންމެ ތަފާތު ޤައުމެއް ނަމަވެސް ޓީމްގައި މިވަގުތު ތިބި ހުރިހާ ކުޅުންތެރިންނާމެދު ވަރަށް ބޮޑު އިތިބާރެއް އެބަ އޮތްކަމަށްވެސް މެނޭޖަރ މުޙައްމަދު ޢީސާ ބުންޏެވެ.

"ޤަތަރުގައި ކަންތައްތައް ހަމަޖެހިފައިހުރީ ވަރަށް ފުރިހަމައަށް، އެއްވެސް ޝަކުވާއެއް ކުޅުންތެރިންގެ ފަރާތުން ނާދޭ، އޮމާން މެޗަށް މުޅި ޓީމްދަނީ ވަރަށް ރަނގަޅު މޯޓިވޭޝަނަކާއިއެކު" އީސާ ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާއި ދެކޮޅަށް އެޤައުމުގައި ރާއްޖެ ނިކުންނާނީ އަންނަ އަންގާރަ ދުވަހުގައެވެ.