ތަރައްްޤީ

މާމިގިލީ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވަނީ


އ.ދ އަތޮޅު މާމިގިލީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ބަދަރުގެ ޢަމަލީ މަސައްކަތް، ލޭންޑް ސަރވޭ އޮތޯރިޓީގެ އެޕްރޫވަލް ލިބުނުހާ އަވަހަކަށް ފަށާނެކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އ.ދ އަތޮޅަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އިންސައްތަ ޙިއްސާކުރާ އަތޮޅެވެ. ރިސޯޓުތައް ގިނަ، އ.ދ އަތޮޅަށް ތަރައްޤީގެނެސް އެ އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާމިގިލީ ބަނދަރު ބައިނަލްއަޤްވާމީ ބަނދަރަކަށް ބަދަލުކުރުމުގެ މަސައްކަތަކީ އެ އަތޮޅުގައި މިހާރު ކުރިއަށްދާ ފާހަގަ ކޮށްލެވޭ ތަރައްޤީގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންނެވެ.

263 މީޓަރުގެ މި ބަނދަރަކީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ބަނދަރަށް ވެގެންދާނެ. އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ ރާބިޙް މުޙައްމަދު ވިދާޅުވީ ބަނދަރުގެ މަސައްކަތައް ބޭނުންވާ ބިން މިހާރު ލިބިފައިވާކަމަށެވެ. އަދި މިހާރު ލޭންޑް ސަރވޭ އޮތޯރިޓީގެ ފަރާތުން އިންވަކުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ރާބިޙް ވިދާޅުވިއެވެ. މި މަސައްކަތް ނިންމައި އެޕްރޫވަލް ލިބުނުހާ އަވަހަކަށް ބަނދަރުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް އެމްޕީއެލްއިން ދަނީ ތައްޔާރުވަމުންނެވެ. ބަނދަރުގެ ޢަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިހާރު އިޢުލާންކޮށްފައިވާއިރު އީދު ބަންދު ނިމުމާއިއެކު ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރާބިޙް ވިދާޅުވިއެވެ.

އ.ދ މާމިގިލީ ބަނދަރު ބައިނަލްއަޤްވާމީ ބަނދަރަކަށް ބަދަލުކުރުމަށް 6 ހެކްޓަރުގެ ބިން ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މަޢުލޫމާތުދެއެވެ.

ޕޯޓް ތަރައްޤީ ކޮށް ނިމޭއިރު ބައިންލްއަޤްވާމީ ބަނދަރަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް މާމިގިލި ބަނދަރުން ލިބެން ހުންނާނެއެވެ. އެމްޕީއެލްއިން މައުލޫމާތުދޭ ގޮތުގައި މި ޕޯޓުގެ މަސައްކަތް ނިމޭއިރު އިމާރާތް ކުރުމަށް ބޭނުންވާ ހިލަޔާއި ހިލަވެލި ފަދަ ސާމާނު އަންލޯޑް ކުރުމާއި، ފެން ޕްލާންޓެއްގެ ޚިދުމަތާއި، ކޯލްޑް ސްޓޯރޭޖާއި، ޔޮޓް މެރީނާ އަދި ބޯޓް ޔާޑެއްގެ ޙިދުމަތްވެސް ލިބިގެން ހުންނާނެއެވެ. އަދި މި މަސައްކަތުގެ ސަބަބުން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެން ދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މި ބަނދަރު ބައިނަލްއަޤްވަމީ ބަނދަރަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބަނދަރު ތަރައްޤީ ކުރާނެ ގޮތާއިބެހޭގޮތުން ކައުންސިލާއެކު މަޝްވަރާކޮށްފައިވާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. އަދި އެކަމާއި ގުޅޭ ޕްލޭންތަކާއި ކުރެހުންތައް ކައުންސިލާހިއްސާކޮށްފައިވާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.