ޚަބަރު

އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ތަހްނިޔާ ފޮނުއްވައިފި


ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އެންމެހާ އަޚުންނާއި އުޚްތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އަޟްޙާ ޢީދަކީ މުސްލިމް އުއްމަތަށް، އިސްލާމީ ރިވެތި އުސޫލުތަކާ ސުލްހަވެރިކަން ހާމަކޮށްދޭން ލިބޭ ރަނގަޅު ފުރުޞަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، އެމަނިކުފާނުގެ އުންމީދަކީ މާތް ﷲ އަޅުގަނޑުމެންގެ އީމާންތެރިކަން ހަރުދަނާ ކޮށްދެއްވައި އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުން ކަމަށް ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން، މުޅި މުސްލިމް އުންމަތަށް ހެޔޮ މަގު ދެއްކެވުމަށާއި، ހަމަޖެހުމާއި، ބާއްޖަވެރިކަމާއި، އުފާ ފާގަތިކަން ދެއްވުމަށް، އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އެންމެހާ އަޚުންނާއި އުޚްތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ.