ޚަބަރު

ޒަމާނީ ޑޮކް ޔާޑެއް ޤާއިމްކުރުމަށް އެމްޓީސީސީން ނިންމައިފި


އޮޑިދޯނި ފަހަރު ބަނުމާއި މަރާމާތުކުރުމަށް ޒަމާނީ ޑޮކް ޔާޑެއް ޤާއިމްކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.

ތިލަފުށީގައި ޤާއިމްކުރާ މި ޑޮކްޔާޑުގެ މަސައްކަތް ނިމި، ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޑޮކްޔާޑު ހުޅުވާނެކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މި ޑޮކްޔާޑު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހުޅުވާ މި ފަދަ އެންމެ ފުރިހަމަ ޑޮކްޔާޑަށް ކަމަށެވެ. އަދި އޮޑިދޯނި ފަހަރު ބަނުމުގެ ވިޔަފާރި ފަށައިގަތުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފައިބަރ ގްލާސް ދޯންޏެއް ބަނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.  

1980 ވަނަ އަހަރު ސަރުކާރުން އުފެއްދި އެމްޓީސީސީ އަންނަނީ، ވިޔަފާރި އިތުރަށް ފުޅާކޮށް، ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން ދަތުރުފަތުރުގެ ޚިދުމަތާއި، ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތުގެ އިތުރުން އޮޑިދޯނިފަހަރަށް ބޭނުންވާ އެކި ބްރޭންޑުތަކުގެ އިންޖީނުވެސް އެކުންފުނިން ދަނީ ވިއްކަމުންނެވެ.