ޚަބަރު

ބަލިހާލަތު ހުރިގޮތުން ޤާސިމް އިބްރާހީމް ގޭބަންދަށް ބަދަލުކުރަނީ


ޤާސިމް އިބްރާހީމްގެ ބަލިހާލަތު ތަން ނުދޭތީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސަރވިސްއިން ނިންމައިފިއެވެ.

ކަރެކްޝަނަލް ސަރވިސުން ބުނީ ޤާސިމް އިބްރާހީމް ގޭބަންދަށް ބަދަލުކުރީ ޤާސިމްގެ ބަލި ޙާލަތު ތަން ނުދޭތީ ވަގުތީ ގޮތުން ކަމަށާ، ޤާސިމް އިބްރާހީމްގެ ޖަލުޙުކުމް އެއްކޮށް ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައި ނުވާކަމަށެވެ.

ޤާސިމް އިބްރާހީމަށް ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމް ހޮސްޕިޓަލުގައި ގެންދަނީ ފަރުވާދެމުންނެވެ. ކަރެކްޝަނަލް ސަރވިސްއިން ބުނީ ޤާސިމް ހޮސްޕިޓަލުން ޖަލަށް ބަދަލުކޮށްފިނަމަ އޭނާގެ ސިއްޙީ ޙާލަތު ހުރިގޮތުން، ޙުކުމް ތަންފީޒުކުރެވޭނީ ނަރުހަކާއި ޑޮކްޓަރެއްގެ އިތުރުން އީސީޖީ މެޝިނެގެ އެހީގައިކަމަށެވެ. އެހެންކަމުން މިފަދަ އިންތިޒާމްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ހަމަޖެއްސޭނީ ބަލިޙާލަތު ރަނގަޅުވަންދެން ގޭބަންދަށް ބަދަލުކޮށްގެންކަމުން އެގޮތަށް ނިންމީކަމަށެވެ. ކަރެކްޝަނަލް ސަރވިސްއިން މިގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޖަލު ޙުކުމް ތަންފީޒު ކުރުމަށް ނުކުޅެދޭފަދަ ބައްޔެއް ހުރުމުންކަމަށްވެސް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ. ޤާސިމް އިބްރާޙީމް ވަގުތީގޮތުން ގޭބަންދަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސަރވިސްއިން ނިންމާފައިވީނަމަވެސް އޭނާ މިވަގުތު އޮތީ އައި.ޖީ.އެމް ހޮސްޕިޓަލްގައެވެ.

ރިޝްވަތު ހުށައެޅުމުގެ ކުށް ސާބިތުވެ، ޤާސިމް އިބްރާހީމްގެ މައްޗަށް 3 އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލުހުކުމެއްވަނީ އިއްވާފައެވެ. ޤާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒް ކުރަން ފެށުމާއެކު އޭނާ މިހާރު އޮތީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައެވެ. އަދި ޤާސިމްގެ ބޭސްފަރުވާގެ ކަންކަން ރާއްޖެއިން ބޭރުން ހަމަޖެއްސެވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަރެކްޝަނަލް ސަރވިސްއަަށް ހޯމް މިނިސްޓަރ ވަނީ އަންގަވާފައެވެ.