ޚަބަރު

"އެހެން މީހުންނަށް ނުދޭ ހައްޤުތައްވެސް ގާސިމްއަށް ވަނީ ދީފައި"


ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ހުށައެޅި ރިޝްވަތުދޭން ހުށައެޅުމުގެ ދައުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު ޤާސިމްގެ ސިއްޙީ ޙާލަތު ތަން ނުދޭތީ، ޝަރީޢަތުގެ ބައެއް މަޖިލިސްތައް، ކުރިއަށްގެންގޮސްފައި ވަނީ ޢާންމު އުސޫލުން ޝަރީޢަތުގައި ނުދޭ ޙައްޤުތައްވެސް އޭނާއަށް ލިބިދީގެންކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.

މ.މާފަންނުވިލާ ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތުގެ ޚުލާސާ ރިޕޯޓް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޢާންމުކޮށްފައެވެ. ޤާސިމްގެ މައްޗަށް މި ދަޢުވާ ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިމަހުގެ 25 ވަނަ ދުވަހުވަނީ ޙުކުމްކޮށްފައެވެ.

މިމައްސަލައިގެ ޚުލާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި، ޤާސިމް އިބްރާހީމަށް ޖިނާއީ އިޖްރާޢަތުގެ ޤާނޫނުން ލިބެންޖެހޭ ހުރިހާ ޙައްޤުތަކެއް މިމައްސަލައިގެ ޝަރީޢަތް ކުރިއަށްދިޔަ އިރު ލިބިދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މިމައްސަލައިގެ ޝަރީޢަތް ކުރިއަށްގެންގޮސްފައިވަނީ ޤާސިމް އިބްރާހީމްގެ ސިއްޙީ ޙާލަތު ތަން ނުދޭތީ، ފަރުވާއަށް އެކަށީގެންވާ ފުރުޞަތު ދީގެން ކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ޢާންމު އުސޫލުން ޝަރީޢަތުގެ މަޖިލީހުގައި ނުދެވޭ ޙައްޤުތައް ޤާސިމް އިބްރާހީމަށް ދީފައިވާކަމަށާއި، އެގޮތުން ޝަރީޢަތުގެ މަޖިލީހަށް ޤާސިމްގެ ސެކިއުރިޓީ އަށް ވަނުމުގެ ފުރުޞަތާއި، އިށީންދެގެން އިނދެގެން ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކުމުގެ ޙައްޤު ޤާސިމަށް ދީފައިވާކަން ފާހަގަކޮށްފައެވެ.

ޖިނާއީ މައްސަލަތައް ޣައިރު ޙާޟިރުގައި ނިންމުމަކީ އާ ކަމެއް ނޫންކަން މިމައްސަލއިގެ ޚުލާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ޝަރީޢަތުގެ ޙުކުން އިއްވުން ފިޔަވައި ހުރިހާ މަރުހަލާއެއް ކުރިއަށްގެންގޮސްފައިވަނީ ޤާސިމްގެ ޙާޟިރުގައި ކަމުން، މިކަމުގައި ޤާސިމްގެ ޙައްގެއް އުނިވެގެން ދާނެ ތަނެއް ނެތްކަމަށް ޤާޟީ ފާހަގަކޮށްފައިވެއެވެ.