ޤަތަރުގައި ކުރި ފުރަތަމަ ފަރިތަކުރުމުންވެސް މޮޅުވާން ބޭނުންވެފައި ތިބި މިންވަރު ކުޅުންތެރިންގެ ފަރާތުން ފެނިއްޖެ ކަމަށް ޤައުމީ ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އަންނަމަހުގެ ފަސްވަނަ ދުވަހު އޮމާންގައި އެޤައުމާ ދެކޮޅަށް ކުޅުމަށް ތައްޔާރުވަމުން އަންނަ ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ސްޓެވާޓް ބުނީ ޢަލީ އަޝްފާޤާއެކު ޓީމްގެ މޯޓިވޭޝަން ވަރަށް ވަރުގަދަ ވެފައި ވާކަމަށެވެ. ވަކިން ޚާއްސަކޮށް ކުޅުންތެރިން އެކަކު އަނެކަކާ ގުޅިގެން އޮމާން މެޗް ކާމިޔާބު ކުރުމަށް ކުޅުންތެރިން ފެންބޮވައިގެންފައި ތިބި މިންވަރު ފެންނަމުން އަންނަ ކަމަށް ކޯޗު ބުންޏެވެ. ޤަތަރުގެ ފިނި ހޫނުމިން މިދުވަސްވަރު ހުރީ ރާއްޖެ ކުޅުންތެރިންނަށް ކެތްވާ ވަރަށް ވުރެވެސް މަތީގައި ނަމަވެސް އެކަމަށްވެސް ކުޅުންތެރިން ހޭނެމުން އަންކަމަށް ކޯޗު ބުންޏެވެ. އޮމާންގެ ފިނިހޫނުމިންވެސް މިދުވަސްވަރު ހުރީ ޤަތަރާއި ދާދި އެއްހަމައެއްގައި ކަމުން ޤަތަރުގައި ކުރިޔަށްގެންދާ ކޭމްޕަކީ ކާމިޔާބު ކޭމްޕަކަށް ވާނޭ ކަމަށް ކޯޗު ޤަބޫލުކުރެއެވެ.
" މިތަނުގެ (ޤަޠަރުގެ ) ފިނިހޫނިމިން ހުރީ ކެތްވާވަރަށްވުރެވެސް މަތީގަ. އެކަމަކު އޮމާނުގެ ފިނިހޫނުމިންވެސް މަތިވުމުން މިއީ އެހީއެއް. މިކަމުގެ ފައިދާ ކުރާނެކަމަށް ޤަބޫލުކުރަން " ކޯޗު ބުންޏެވެ.
ކޮލިފިކޭޝަންގައި ކުރިޔަށްދާން ބޭނުންނަމަ ދިވެހި ޓީމް ކުރިމަތި ލާނެ އެންމެ މުހިންމު އެއް މެޗަކީ އޮމާނާ ދެކޮޅަށް ކުޅެންޖެހޭ މެޗް ކަމަށްވެސް ކޯޗް ސްޓެވާޓް ފާހަގަކުރިއެވެ. އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ޤައުމީ ޓީމް ޤަތަރުގެ ވެރިރަށް ދޯހާގައި ކޭމްޕްކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭޝިއަންކަޕް ކޮލިފައިންގައި ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ ގްރޫޕްގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތީ ފަލަސްޠީނެވެ.