ކުޅިވަރު

ލިވަޕޫލް ސަޕޯޓަރުން އެންމެ ލޯބިވަނީ ނޭމާ ދެކެ


ލިވަޕޫލްގެ ސަޕޯޓަރުން މިވަގުތު އެންމެ ލޯބިވާ މީހަކީ ޕީއެސްޖީ އަށް ކުޅޭ ދުނިޔޭގެ އެންމެ އަގު ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ނޭމާ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ސްޕޭނުގެ ބާސެލޯނާ ދޫކޮށް 222 މިލިއަން ޕައުންޑަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަށް ލިވަޕޫލްގެ ސަޕޯޓަރުން ހިފެހެއްޓުމެއްނެތި ތާއީދު ކުރަން ފެށީ ލިވަޕޫލްގެ ތަރި ފިލިޕް ކޮޓީނިއޯ ބާސެލޯނާ އަށް ދިޔަނުދޭން ނޭމާ މަސައްކަތް ފެށުމުންނެވެ.

ބްރެޒިލްގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އޭނާއާއެކު ކުޑައިރުއްސުރެ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކޮޓީނިއޯ ބާސެލޯނާ އަށް ބަދަލުވާން ކުރާ މަސައްކަތް ހުއްޓާލުމަށް ނޭމާ ވަނީ ލަފާދީފައެވެ. މިކަމާމެދު ލިވަޕޫލްގެ ސަޕޯޓަރުން އިންތިހާ އަށް ގަޔާވީ ކޮޓީނިއޯ ކުލަބުގައި ބަހައްޓަން އެމީހުން ބޭނުންވާލެއް ބޮޑުކަމުންނެވެ.

ނަމަވެސް ފާއިތުވެދިޔަ ތިން އަހަރު ބާސެލޯނާ އަށް ކުޅުނު ނޭމާގެ އިލްތިމާސް ކޮޓީނިއޯ ގަބޫލުކުރިކަން ވަނީ ޔަގީންނުވެފައެވެ. އަނެއްކޮޅުން ސްޕޭނާއި އިނގިރޭސި ނޫސްވެރިން ބުނާގޮތުގައި ލިވަޕޫލުން މިހާރު ވަނީ ކޮޓީނިއޯ ވިއްކާލުމަށް އެއްބަސްވެފައެވެ. ބާސެލޯނާއިން ކުރިން ހުށަހެޅި ތިން ބިޑަކަށް ނޫނެކޭ ބުނުމަށްފަހު ކޮޓީނިއޯ ވިއްކާލަން ލިވަޕޫލް އެއްބަސްވީ 148.5 މިލިއަން ޕައުންޑަށެވެ. މިހެން ވެއްޖެނަމަ ކޮޓީނިއޯ ވެގެންފާނީ ނޭމާ އަށް ފަހު އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.

ޔޫރަޕުގެ ޓްރާންސްފާ މާކެޓް މާދަމާ ބަންދުވާއިރު ކޮޓީނިއޯ ވިއްކާލަން ލިވަޕޫލުން އެއްބަސްވި ނަމަވެސް މިކަން އިއުލާނުކުރާނީ ކޮޓީނިއޯގެ ބަދަލުގައި ލިވަޕޫލް ބޭނުންވާ ކުޅުންތެރިއަކު ގަނެވުމުންނެވެ. އެ ޓީމުން ގަންނަން މަސައްކަތް ކުރަމުންދަނީ ފްރާންސްގެ މޮނާކޯ އަށް ކުޅޭ ތޯމަސް ލެމާ އާއި އާސެނަލްގެ އޮކްސްލައިޑް ޗެމްބަލައިންއެވެ. މީގެ އިތުރުން ސައުތެމްޓަނުގެ ޑިފެންޑަރު ވާޖިން ވެންޑައިކް ގަތުމަށް ވެސް ލިވަޕޫލުން ވަނީ ބިޑްކޮށްފައެވެ.