ކުޅިވަރު

ފަރުހާދު ދެ މެޗަށް ސަސްޕެންޑްކޮށް، ޖޫރިމަނާކޮށްފި


ކުޅިވަރުގެ ރޫހާ ހިލާފުވުމުގެ ސަބަބުން ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރުހާދު އިސްމާއީލް ދެ މެޗަށް އަދި ޓީމުގެ އޮފިޝަލް އާތިފް ރަޝީދު ހަތަރު މެޗަށް ސަސްޕެންޑްކޮށް، ޖޫރިމަނާކޮށްފިއެވެ.

އެފްއޭއެމުގެ ޑިސިޕްލިންރީ ކޯޑުގެ ދަށުން މި ދެ މީހުން ސަސްޕެންޑްކުރީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއުރޭޑިއަންޓް އަތުން 1-0 ން ގްރީން ސްޓްރީޓް ބަލިވި މެޗުގައި ހެދި ގޯސްތަކުގެ ސަބަބުންނެވެ.

އެފްއޭއެމުން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކެޕްޓަން ފަރުހާދު ސަސްޕެންޑްކޮށް 3000ރ. އިން ޖޫރިމަނާކުރީ ގޮނޑިބަރީގައި އިނދެ ރެފްރީ އަށް މުހާތަބްކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށެވެ. މެޗުގެ 35 ވަނަ މިނިޓްގައި ބަދަލު ކުރުމުން ފަރުހާދު ގޮސް އިނީ ގޮނޑިބަރީގައެވެ. އެތަނުގައި އިނދެގެން ރެފްރީ އަށް މުހާތަބްކޮށް ދެއްކި ވާހަކަތަކަކީ ކުލަބެއްގެ ކެޕްޓަނެއްގެ ފަރާތުން ފެނިގެންނުވާނެ ފަދަ ޒިންމާދާރުކަން ކުޑައަމަލެއް ކަމަށާއި އަދި ފަރުހާދުގެ ވާހަކަތަކީ މެޗު އިތުރަށް ހޫނެވެ، މަސްރަހު ގޯސްވާނެ ފަދަ އަމަލެއް ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

ގްރީން ސްޓްރީޓްސް އޮފިޝަލް އާތިފް ރަޝީދު ސަސްޕެންޑްކޮށް، 6000ރ. އިން ޖޫރިމަނާ ކުރީ ރެފްރީ އަށް ނިސްބަތްކޮށް ހަޅޭއްލަވާ ހެދުމުން ބެންޗުން ފޮނުވާލުމުން ނިއުރޭޑިއަންޓްގެ ކޯޗަށް ހަމަލާދޭން މަސައްކަތްކޮށްފައިވާތީއެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ގްރީން ސްޓްރީޓްސް މިވަގުތު އޮތީ 9 ޕޮއިންޓާއެކު ޓޭބަލުގެ ތިން ވަނާގައެވެ. އަދި މިއީ މި އަހަރު އެ ޓީމަށް ކުރިމަތިވި މިފަދަ ދެ ވަނަ ސަސްޕެންޝަނެވެ.