ޚަބަރު

"އިސްތިޤުލާލަށް ނުރައްކާވާ،ވާހަކަތަކަށްވުރެ ބޮޑު ޚިޔާނާތެއްކޮބާ؟"


ވެރިކަމަށް އައުމަށްޓަކައި މުޅި ޤައުމަށް ގެއްލުމާއި ނުރައްކާ ކުރިމަތިވެ ޤައުމުގެ އިސްތިޢުލާލަށް ނުރައްކާވާފަދަ ވާހަކަތައް ބޭރުދިނިޔޭގައި ދެއްކުމަށްވުރެ ބޮޑު ޚިޔާނާތެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.  

މިރޭ ޕީއެސްއެމް ނިއުސް އިން ގެނެސްދިން "ދެން ކޮން ސުވާލެއް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ޝަކޫރު ވިދާޅުވީ، ސިޔާސީގޮތުން ޚިޔާލު ތަފާތުވުމަކީ ކޮންމެ ޤައުމެއްގައިވެސް އޮންނަކަމެއްކަމަށާ، އެހެންނަމަވެސް ސީޔާސީގޮތުން ވެސް ދެއްކޭނެ ވާހަކަތަކައި ނުދެއްކޭނެ ވާހަކަތައް ހުންނާނެކަން ޤަބޫކުރަންޖެހޭކަމަށެވެ. މުޅި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކާވާފަދަ ވާހަކަތަކާއި ޤައުމުގެ ނަން ބޭރުދުނިޔޭގައި ހުތުރުވާފަދަ ޢަމަލުތަކައި ނާތަހުޒީބު ވާހަކަތައް ދެއްކުމަކީ ސިޔާސީވާހަކަދެއްކުން ނޫންކަމަށާ، އެއީ ޤައުމުގެ ހައްޤުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އާޒިމާ ވިދާޅުވިއެވެ. 

ކުރީގެ ރައީސް މުޙަންމަދު ނަޝީދު ދާދިފަހުން އިންޑިއާއަށް ވަޑައިގެން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި އާޒިމާ ވިދާޅުވީ، ނަޝީދުގެ ވާހަކަފުޅުތަކަކީ އޭގެ ސަބަބުން ޤައުމާ ރައްޔިތުންނަށް ދަތިތަކާ ނުރައްކަލާ ކުރިމަތިލާންޖެހިދާނެފަދަ ވާހަކަތަކެއްކަމަށެވެ. އެއީ ރާއްޖޭގެ އެންމެމަތީވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ދައްކަވަން އެންމެރަނގަޅު ވާހަކަފުޅުތަކެއްތޯ އާޒިމާ ސުވާލުއުފެއްދެވިއެވެ. އަދި މިފަދަ ކަންކަމުން އަޅުގަނޑުމެން ހިތްވަރު ހޯދަންވީތޯ ސުވާލުކުރައްވަމުން އާޒިމާވަނީ މިފަދަ ކަންކަމާމެދު ޤައުމީ ވިސްނުމަކުން ވިސްނުމަށް ދިވެހިރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. 

އެކަމަނާ ވިދާޅުވީ، ސިޔާސީގޮތުން މިފަދަ ވާހަކަފުޅުތައްދައްކަވާ ބޭފުޅުން ބޭނުންފުޅުވަނީ އެބޭބޭފުޅުންގެ ޒާތީ މަސްލަޙަތުތަކެއް ޙިމާޔަތްކުރުމަށްކަމަށާ، އެކަންކަން ފުރިހަމަވުމުން އެބޭފުޅުންނަށް އެނިމުނީކަމަށެވެ. މިހަރުފެންނަ މަންޒަރަކީ އެކަންކަން ކުރެއްވުމަށްޓަކައި ޤައުމާއި ރައްޔިތުން ކިތައްމެބޮޑު ނުރައްކަލަކަށް ހުށަހެޅުމަކީވެސް އެބޭފުޅުންނަށް މާބޮޑު ކަމަކަށް ނުވާމަންޒަރުކަމަށް އާޒިމާ ވިދާޅުވިއެވެ.