ޚަބަރު

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފި


މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްކިރުމުގައި މައްސަލަތައް ދިމާވުމަކީ މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއްމައްސަލައެވެ. މިމައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މަސްވެރިންނަށް މަސް ކިރުވުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެއްވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އައިސްޕްލާންޓްތައް މަރާމާތުކޮށް އެ ޕްލާންޓްތަކުން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް މިއަހަރު ނިމުގެ ކުރިން ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާގައި ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ވިހި މިލިއަން ޑޮލަރ ޚަރަދު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ 4 ސަރަހައްދެއްގައި މަސް ބަންދުކުރާ 4 ކާރުޚާނާ ޤާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކަމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ 25 ރަށެއްގައި މިހާރުވެސް އައިސްޕްލާންޓް ވަނީ ބަހައްޓާފައެވެ. މި އައިސްޕްލާންޓް ތަކުން ކޮންމެ ދުވަހަކު 1279 މެޓްރިކް ޓަންގެ އައިސް އުފައްދައެވެ.