ޚަބަރު

ދީނާއި ޤައުމިއްޔަތާ ނުބެހުމަށް މޫސާ މަނިކު ގޮވާލައްވައިފި


އިދިކޮޅު ސިޔާސީ މީހުން ހިންގާ ހަރާކާތްތަކުގައާއި އެމީހުން ދައްކާ ސިޔާސީ ވާހަކަތަކުގައި ދިވެހި ޤައުމިއްޔަތާއި ދީނާ ނުބެހުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކު ގޮވާލައްވައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ ގޮނޑި ވިއްކުމާއި، ވޯޓުވިއްކުން ނިމުމަކަށް، މިޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، ރާއްޖޭގައި އިދިކޮޅު ސިޔާސީ ފަރާތްތައްކަމަށްބުނެ މަސައްކަތްކުރާ މީހުންގެ ތެރޭގައި އެއްވެސް އަމާޒެއް އޮތްތަން ނުފެންނަކަމަށާއި، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްވެސް ބާރެއް ރަނގަޅު ނޫނަކަމަށް ބުނަމުންދާ ބަޔަކަށް ދިވެހި ޤައުމު ރަނގަޅުވާނެކަމަށް ގަބޫލުނުކުރެވޭކަމަށެވެ. މޫސަ ވިދާޅުވީ، އިދިކޮޅު ފަރާތްތައްކަމަށް ބުނާބައެއްގެ ކިބައިން ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ފެންނަން ޖެހޭނެކަމަށެވެ. އޭގެ ބަދަލުގައި ޤައުމިއްޔަތާއި ދިނާއި ގުޅޭގޮތުން ސުވާލު އުފައްދާފަދަ ވިސްނުންތަކެއް ހުރި ބަޔަކާއި މިގައުމުގެ ވެރިކަން ހަވާލުކުރަން ބަޔަކު ވިސްނަންވެސް ނުވާނެކަމަށް މޫސަ ވިދާޅުވިއެވެ.

މިސްކިތްތަކަށް އެހީތެރިވުމަކީ މައްސަލައެއްކަމަށާއި، އެތަންތަނުން ދަރިވަރުވާ ކުދިންނަކީ ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ދާދިފަހުން އިންޑިއާގެ ނޫހަކަށް މަޢުލޫމާތުދީފައިވުމަކީ ކުރަން ހެޔޮވާވަރުކަމެއް ނޫންކަން ފާހަގަކުރައްވަމުން މޫސާ މަނިކުވަނީ އެއީ ރާއްޖޭގެ ޤައުމިއްޔާތާއި ދީނަށް އަމާޒުކޮށް ނަޝީދު ވިދާޅުވި ބަދުބަސްތަކެއްކަން ފާހަގަކޮށް އެކަން ކުށްވެރިކުރައްވާފައެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑާރު އަދި އިންގުރައިދޫ ދާއިރާގެ މެންބަރުން އިބްރާހީމް ފަލާހު ވިދާޅުވީ، ރާއްޖޭގެ ސްޕްރީމް ކޯޓުގައިތިބީ ވަރަށް ހިތްވަރުގަދަ ސާބިތު ފަނޑިޔާރުންތަކެއްކަމަށެވެ. އެހެނީ ބޭރު ޤައުމުތަކުގައި އެކިއެކި ފަރާތްތަކުން ވަކި ގޮތަކަށް ހުކުމްކޮށްފިނަމަ ފަނޑިޔާރުންނާމެދު ވަކި ކަންތައްތަކެއް ކުރާނެކަމަށް ބުނެ ބިރުދައްކަމުންދާއިރުވެސް، އެއިން އެއްވެސް ކަމަކަށް ނުބައްލަވައި އިންސާފުވެރިކަމާއެކު ހުކުމް އިއްވަމުންދާތީކަމަށް އޭނާ ވިދާޅުވިއެވެ. 

ފަލާހް ވިދާޅުވީ ކޯޓުތަކުން ކުރާ ހުކުމްތަކަށް ފާޑުކިޔައި އެކަންކަމައި ސަރުކާރަށް ތާއީދުކުރާ އެއްވެސް ފަރާތަކުން ނުބެހޭނެކަމަށެވެ. ސްޕްރީމް ކޯޓުން އިއްވި ހުކުމާއެކު މެންބަރުކަމުން ވަކިވިކަން ކަމަށަވަރުވި މެންބަރުން ތަމްސީލު ކުރަމުންދިޔަ ދާއިރާތަކުގައި ބާއްވާ ބައި އިލެކްޝަން ސަރުކާރަށް ކާމިޔާބުކޮށްދިނުމުގެ މުހިންމުކަން މޫސާ މަނިކާއި، ފަލާހުވަނީ ފާހަގަކުރައްވާފައެވެ. އަދި އެދާއިރާތަކަށް ސަރުކާރުން ކުރިއަށް އޮތްތަނުގައިވެސް ތަރައްޤީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިއެރުންތަކެއް ހޯއްދަވައި ދެއްވާނެކަން އެދެމެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.