ތަރައްްޤީ

އޭދަފުށީގައި ފެނުގެ ޚިދުމަތަށް ރަޖިސްޓްރީކުރަން ހުޅުވާލަނީ


އެކަށީގެންވާ ރައްކާތެރި ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ބޯފެން ފޯރުކޯށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުފެދަށުން ބ.އޭދަފުށީގައިވެސް ވަނީ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އޭޕްރިލް މަހުގެތެރޭގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. އޭދަފުށީގައި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން 15 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން 192 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

އޭދަފުށި ކައުންސިލުން މަޢުލޫމާތުދޭ ގޮތިގައި މިހާރު އެކަމަށް ބޭނުންވާ ބިން ކޮންޓްރެކްޓަރާ ހަވާލުކޮށް ޢަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ.

އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލް ޢަބްދުއްރަޙްމާން ވިދާޅުވީ އާރް.އޯ ޕްލާންޓް ގާއިމުކުރުމަށް ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތައް މިހާރު ސައިޓުގައި ކުރިއަށްދާކަމަށެވެ. އަދި ފެނުގެ ޚިދުމަތް ބޭނުންވާ ގޭބީސީތައް ރަޖިސްޓްރީކުރުމުގެ މަސައްކަތްވެސް ކައުންސިލުން ވަރަށް އަވަހަށް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތޮލާލް ވިދަޅުވީ އޭދަފުށީ ފެން ތަޣައްޔަރުވެ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަކަމަށެވެ. އަދި ރަށުގައި ބޯފެނުގެގޮތުގައި ކުރިން ވާރޭފެން ބޭނުންކުރަމުން އައިނަމަވެސް ފުޅީގައި ބަންދުކުރި ބޯފެން ގަނެގެން ބޯ މިންވަރު އިތުރުވަމުން އަންނަކަމަށެވެ. ނަމަވެސް މި ޕްރޮގްޖެކްޓުގެ މަސައްކަތް ނިމި ޚިދުމަތް ލިބެން ފެށުމާއިއެކު ރައްޔިތުންނަށް ސާފު ބޯފެން ޔަގީންވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ތޮލާލް ވިދާޅުވީ މި ޕްލާންޓަކީ މުޅިރަށަށް ފެން ފޯރުކޮށްދެވޭ ކެޕޭސިޓީގެ ޕްލާންޓެއްކަމަށެވެ.

ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެކު އެންވާރމެންޓް މިނިސްޓްރީން ސޮއިކޮށްފައިވަނީ ބ.އޭދަފުއްޓާއި ތ.ވިލުފުށީގައި ބޯފެނުގެ ނިޒާމު ޤާއިމުކުރުމަށެވެ. މި ދެ މަޝްރޫޢައަކީ އޮޕެކް ފަންޑް ފޯރ ޑިވެލޮޕްމެންޓް ލޯނު އެހީއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަތްދިހަ ހަތަރެއް ޕޮއިންޓް ތިން މިލިއަން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ދެމަޝްރޫޢެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓުގައި ސޮއިކުރާ ތާރީހުން ފެށިގެން ހަތް މަސްދުވަހުގެ މުއްދަތުގެތެރޭގައެވެ.