ތަރައްްޤީ

ޢިއްޒުއްދީންމަގާއި މަޖީދީމަގުގެ މަސައްކަތް މިއަހަރު ނިމޭނެ


ކަޅުތުއްކަލާ ކޮށީގެ ބިތްދޮށުން އޮންނަ ޢިއްޒުއްދީން މަގާއި މަޖީދީ މަގުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޢިއްޒުންދީން މަގާ މަޖީދީ މަގުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ.މުޙަންމަދު މުޢިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގެ ޕްރޮޖެކްޓާ ގުޅިގެން ހަދަމުންދާ ޢިއްޒުއްދީން މަގުގެ މަސައްކަތް ކުރިއަށް އޮތް ސެޕްޓެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ފަންސާސް އަހަރުގެ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ޑިޒައިންކޮށްގެން ހަދަމުންދާ މަގެކެވެ.

ބޮޑުތަކުރުފާނު މަގުން ފެށިގެން އަމީނީ މަގާ ހަމައަށް ހަދާ ޢިއްޒުންދީން މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މި މަގަކީ މީގެ ކުރިން މުދާ އުފުލާ ބަރު އުޅަނދުތައް ދުއްވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގެކެވެ. އެހެން ނަމަވެސް މި މަގު އެއްކޮށް ހަދާ ނިމުމުން ކުރިއަށްވުރެ އެތައް ތަނެއް ފަސޭހަވެގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

img:http://s1.psmnews.mv/images/660x400/14876001674477.jpg|ހައުސިންގ މިނިސްޓަރ ޑރ މުއިއްޒު / ފައިލް ފޮޓޯ: ޕީއެސްއެމް

ޢިއްޒުންދީން މަގުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، މިހާރު ކުރެވެމުންދަނީ އެ މަގުގައި ކަރަންޓް ކޭބަލާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ފެންހޮޅި ވަޅުލުމުގެ މަސައްކަތެވެ. އެގޮތުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ސްޓެލްކޯގެ ފަރާތުން ވަޅުލުމަށް ހަމަޖެހިފައިވާ ކަރަންޓް ކޭބަލް ވަޅުލުމުގެ މަސައްކަތެވެ.

މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތްތައް ވެސް ކުރިއަށްދާއިރު، ޢިއްޒުއްދީން މަގަކީ އެ ސަރަޙައްދާ ގުޅިގެން އެންމެ ގިނަ ޢަދަދަކަށް ބަރު އުޅަނދުތައް ދުއްވާނެ މަގު ކަމަށްވަނީ ބެލެވިފައެވެ.

ދެކޮޅަށް ދުއްވޭ ގޮތަށް ހެދުމަށް ނިންމާފައިވާ މި މަގު ނިންމުމަށް ކުރު މުއްދަތެއް އޮތްއިރު، ހައުސިން މިނިސްޓްރީން ދަނީ މާލޭގެ މަޖީދީމަގުވެސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މަސައްކަތް ކުރެވެމުންދަނީ ގަލޮޅު ދަނޑުގެ އިރުމަތިން ފެށިގެން ސޯސަންމަގު ހުރަސްކޮށް އޮންނަ ސަރަޙައްދެވެ.

ނުވަ ސެގްމެންޓަށް ބަހާލައިގެން މަރާމާތުކުރާ މަޖީދީމަގުގެ މަސައްކަތުގައި މިހާރު ނުނިމި އޮތީ ގަލޮޅު ދަނޑު އިރުމަތީ ކަންމަތިން ފެށިގެން އާރޓިފިޝަލް ބީޗާ ދެމެދު އޮތް ސަރަޙައްދެވެ. މި މަގު މަރާމާތުކުރުމުގެ މަސައްކަތް އެކީ ނިންމައި ނޮވެމްބަރުމަހު މަގު އެއްކޮށް ބޭނުންކުރުމަށް ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.