ޚަބަރު

ޑިމޮކްރަސީ ހަފްތާއަށް ޕްރެޒެންޓޭޝަން ހުށަހަޅަން ހުޅުވާލައިފި


އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރާ ޑިމޮކްރަސީ ހަފްތާގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެކޮމިޝަނުން ހުޅުވާލައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާ "ޕީ.އެސް.އެމް" އަދި ދިވެހިބަހުގެ އެކެޑަމީ، ގުޅިގެން މި މުބާރާތް ބާއްވަނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޑިމޮކްރަސީއާމެދު އާންމުން ހޭލުންތެރިކުރުވުމާއި، ވީހާވެސް ގިނަ ފަރާތްތަކަށް ޑިމޮކްރަސީއާގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

ކޮލެޖްތަކާއި ޔުނިވަރސިޓީ ތަކުގެ ދަރިވަރުންނަށް ޑިމޮކްރެސީ އާއި އިންތިޚާބުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތުން 1 ވަނަ އަށް ހޮވޭ ޓީމަކަށް ފަންސަވީސް ހާސް ރުފިޔާ، ދެވަނަ އަށް ހޮވޭ ޓީމަކަށް ފަނަރަ ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ސެޕްޓެމްބަރުމަހުގެ ފަހެއްވާ އަންގާރަ ދުވަހުގެ ތިންގަޑި ސުންމިނެޓްގެ ކުރިން، "ޑިމޮކްރަސީ ހަފްތާ 2017 - ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު އެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖުގެ ސިޓީއާއެކު އިލެކްޝަންސް ކޮމިޝަނަށް ހުޅަހެޅުމަށް އެކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.