ޚަބަރު

އަޞްޙާ ޢީދުގެ ކަވަރޭޖަށް 8 ފަރާތަކާއެކު ސޮއިކޮށްފި


މިއަހަރުގެ އަޞްޙާ ޢީދުގެ ކަވަރޭޖް ގެނެސްދިނުމަށް، ޕަބްލިކް ސަރވިސް މީޑިއާއިން 8 ފަރާތަކާއެކު ސޮއިކޮށްފިއެވެ. މިއަހަރު ޢީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނެސްދިނުމަށް ޕީ.އެސް.އެމުން ވަނީ ނިންމާފައެވެ.

ޕީ.އެސް.އެމްގެ ޗެނަލްތައް މެދުވެރިކޮށް އަޞްޙާ ޢީދުގެ ކަވަރޭޖް ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދިނުމަށް ޕީ.އެސް.އެމް އިންވަނީ 8 ރަށަށް ނިސްބަތްވާ 8 ފަރާތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޕީ.އެސް.އެމާ ގުޅިގެން ޢީދުގެ ކަވަރޭޖް ގެނެސްދޭން އެއްބަސްވީ ހއ.ބާރަށުން މަންދީރަ ބޮޑު ބެރު ގްރޫޕާއި، ރ.ދުވާފަރުން އެރަށު މަސްވެރިންގެ ގުޅުން، ޅނައިފަރުން ސެންސް ޖަމްޢިއްޔާ، ކ.މާލެއިން ޖަމްޢިޔަތުއް ސަލަފް، އއ.މަތިވެރިން ޔޫނިއަން ސްޕޯޓްސް ކްލަބް، އދ.ދަނގެތިން އެރަށު ޒުވާނުންގެ ޖަމްޢިއްޔާ، ލ.ގަމުން އެރަށު ކައުންސިލް އިދާރާ، އަދި ސ.މަރަދޫ ހިޔައު ޖަމްޢިއްޔާއެވެ.

މި ފަރާތްތަކާއެކު، އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފްއެވެ.

img:http://s3.psmnews.mv/images/660x400/15038462930738.jpg|މިއަހަރުގެ އަޞްޙާ ޢީދުގެ ކަވަރޭޖް ގެނެސްދިނުމަށް، ޕަބްލިކް ސަރވިސް މީޑިޔާއިން 8 ފަރާތަކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތުގައި އިކްރާމް ވިދާޅުވީ މީގެ ކުރިން ވަކި ރަށަކަށް ޢީދު ކަވަރޭޖް ޚާއްސަކޮށްފައި އޮތް އޮތުން ބަދަލުކޮށް،  މިއަހަރު ގިނަ ސަރަޙައްދުތަތަކުން ޢީދުގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބޭނެކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ޢީދު އުފާގެ މަންޒަރުތައް ވަގުތުން ދެއްކުމަށްޓަކައި، ޕީ.އެސް.އެމުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން އިކްރާމް ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ޕީ.އެސް.އެމް ނިއުސް ޗެނަލުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޢީދު އުފާގެ ހަރަކާތްތަކާ ގުޅޭ ޚަބަރުތައް ކަވަރު ކުރާއިރު، ޢީދުގެ ފަސް ދުވަހު ޓީ.ވީ.އެމްގެ ޕްރޮގްރާމްތައްވެސް ޚާއްސަ ކުރާނީ އަޞްޙާ ޢީދަށް ކަމަށް އިކްރާމް ވިދާޅުވިއެވެ.

ޕީ.އެސް.އެމުން ޢީދު ކަވަރޭޖް ޚާއްސަކުރާ 8 ސަރަޙައްދުން މިހާރުވެސް ވަނީ ޢީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ދީނީ ހަރަކާތްތަކުގެ އިތުރުން، ސަޤާފީ ކުޅިވަރުތަކުން މުއްސަނދިވެފައިވާ ޢީދަކަށް ހެދުމަށް ރަށްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޕީ.އެސް.އެމްގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ޢީދު އުފާގެ މަންޒަރާ އަޑުތައް ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި ޕީ.އެސް.އެމްގެ މެނޭޖްމަންޓްގެ ބެލުމުގެ ދަށުން ބުރަ މަސައްކަތްތަކެއް ކުރިއަށްދެއެވެ. އެގޮތުން މިހާރުވެސް ލައިވް ކްރޫތައް އެކި ރަށްތަކުގައި ހަރަކާތްތެރިވަމުންދާކަން ފަހަގަކޮށްލެވެއެވެ.