ޚަބަރު

އުރީދޫން "ފަސޭހަ ބްރޯޑްބޭންޑް" ތަޢާރަފްކޮށްފި


"ފަސޭހަ ބްރޯޑްބޭންޑް"ގެ ނަމުގައި އާ ޚިދުމަތެއް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.

މި ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބުޚާން ވިދާޅުވީ އަލަށް ތަޢާރަފްކުރި ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ބޭނުންކުރެވޭނެކަމަށާއި، މި ޚިދުމަތަކީ ގޭބިސީތަކަށް ޚާއްޞަކޮށްގެން ތަޢާރަފްކުރި ޚިދުމަތެއްކަމަށެވެ. މި ޚިދުމަތުގެ ސަބަބުން ގޭގައި ތިބެގެން ހަލުވި ސްޕީޑްގައި ފަސޭހަ ކަމާއެކު އިންޓަރނެޓް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

މި ޚިދުމަތުގެ ދަށުން ކޭބަލެއް ބޭނުންކޮށް އިންޓަރނެޓް ބޭނުންކުރޭވެއިރު، މި ޚިދުމަށް ހޯދުމަށް މިކަމަށް ޚާއްޞަ ރައުޓަރެއް ގަންނަންޖެހެއެވެ. މިގޮތުން މި ރައުޓަރު ކަރަންޓާ ގުޅާލުމަށްފަހު އިންޓަނެޓު ކަނެޓްކޮށްގެން އެއް ފަހަރާ ދިހަވަރަކަށް މީހުންނަށް ޚިދުމަތް ހޯދޭނެކަމަށް އުރީދޫން ބުނެއެވެ. 

ފަސޭހަ ބްރޯޑްބޭންޑްގެ ރައުޓަރެއް ވިއްކަނީ ފަނަރަ ސަތޭކަ ރުފިޔާއަށެވެ. "ފަސޭހަ ބްރޯޑްބޭންޑް"ގެ ޚިދުމަތަށް އުރީދޫން ވަނީ ތިން ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. ފަންސާސް ޖީބީގެ ޕެކޭޖެއް ހަސަތޭކަ ނުވަދިހަ ނުވަ ރުފިޔާއަށް ހުރިއިރު ސަތޭކަ ވިހި ޖީބީގެ ޕެކޭޖެއް ލިބެނީ އެއްހާސް ނުވަދިހަ ނުވަ ރުފިޔާއަށެވެ. މި ހިދުމަތުގައި އިންޓަނެޓުގެ ދުވެލި އުޅެނީ 10 އެމްބީޕީއެސްގައެވެ.