ޚަބަރު

އެޗްޑީސީއިން ހުޅުމާލޭގައި ބޮޑު އާޓް ފެސްޓިވަލްއެއް ބާއްވައިފި


ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެޗް.ޑީ.ސީން، އާރޓްސް ފެސްޓިވަލް 2017 ގެ ނަމުގައި ޒުވާނުންގެ ހުނަރުވެރިކަން ދައްކާލުމުގެ ޙަރަކާތެއް ބާއްވައިފިއެވެ. 

ދެ ދުވަހުގެ މުއްދަތަށް، ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދުގައި ބޭއްވި މި އާރޓްސް ފެސްޓިވަލާއި ގުޅޭގޮތުން ޕީ.އެސް.އެމް އަށް ދިން އިންޓަރވިއު އެއްގައި އެޗް.ޑީ.ސީ ގެ ޑައިރެކްޓަރ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އިސްމާޢިލް ޝާން ރަޝީދު ވިދާޅުވީ މި ފެސްޓިވަލުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި މުޖުތަމަޢުގެ ޙިއްސާ ހިމެނުންކަމަށެވެ. އަދި ހުނަރުވެރި ޒުވާނުންގެ ހުނަރުތައް ޢާއްމުންނާހަމައަށް ގެނެސްދިނުމަށް ޕްލެޓްފޯރމެއް ހޯދައިދިނުން ކަމަށެވެ. 

އެޗް.ޑީ.ސީން ކުރިއަށްގެންދާ ރެސެޕްޓިވް ސިޓީ ސީރީޒް ގެ ވޮލިއުމް 2 ގެ ގޮތުގައި ފެށި އާރޓްސް ފެސްޓިވަލް 2017 ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި އެޗް.ޑީ.ސީ ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ބައިވެރިވެވަޑައިގެން، ވާހަކަދައްކަވާފައިވެއެވެ. މި ރަސްމިއްޔާތުގެތެރެއިން ހުޅުމާލޭގެ 4 ސަރަޙައްދެއްގައި އާރޓް އިންސްޓޮލޭޝަން ޤާއިމްކުރުމަށް އެޗް.ޑީ.ސީ ގެ ފަރާތުން މޯލްޑިވްސް އާރޓްސް ކޮމިއުނިޓީއަށް ހުޅުވާލައިގެން ބޭއްވި މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް އެއްލައްކަ ފަންސާސްހާހާއި ދިހަހާހާއި ދެމެދުގެ ޢަދަދުތަކުން ފައިސާގެ އިނާމް ޙަވާލުކޮށްފައިވެއެވެ. 

މި އާރޓް އިންސްޓޮލޭޝަންތައް ޤާއިމްކޮށްފައިވަނީ ހުޅުމާލެ ބާބަކިއު ސަރަޙައްދުގެ ފާރުގަ އާއި، ކޮމާރޝަލް ބްލޮކް ފާރުގަ އާއި، ފެރީ ޓާރމިނަލް ޕާކުގެ އިތުރުން ސެންޓްރަލް ޕާކުގައެވެ. 

އާރޓްސް ފެސްޓިވަލް ފަށާފައިވަނީ ސްޓޭމްޕް ޔޮއަރ ސިޓީ ނަމަކަށް ކިޔުނު ޙަރަކާތަކުންނެވެ. މި ޙަރަކާތުގައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވްސް އާރޓްސް ކޮމިއުނިޓީއާއި މޯލްޑިވްސް އާރޓްސް ކޮމިއުނިޓީގެ އިސް ބޭފުޅުން، މައި ހުޅުމާލެ ލިޔެފައިވާ އަކުރުތަކެއްގައި ކުރަހާފައިވެއެވެ. 

މޯލްޑިވްސް އާރޓްސް ކޮމިއުނިޓީން ހޮވާލި 40 އަށް ވުރެ ގިނަ އާޓިސްޓުން ބައިވެރިކޮށްގެން، ކުރެހުމާއި، އަތްތެރި މަސައްކަތާއި، ޕޭސްޓްރީއާއި، ފޮޓޯ ނެގުމުގެ ހުނަރު ދައްކާލުމުގެ ސްޓޯލްތަކެއް މި ފެސްޓިވަލްގައި ހިމަނާފައިވެއެވެ. ސްޓޯލްތަކުން ބައިވެރިންގެ ހުނަރުވެރިކަން ވަގުތުން ދައްކާލުމުގެއިތުރުން، ސްޓޯލްތަކުގައި ހިމަނާފައިވާ ތަކެތި ވިއްކުންވެސް ކުރިއަށްގެންދިޔައެވެ.

މި ޙަރަކާތުގެ ސަބަބުން އަމިއްލަ ވިޔަފާރިތައް ކުރިއެރުމުށާއި، ހުނަރު ތަރައްޤީކުރުމަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދިޔަކަމަށް ބައިވެރިން ފާހަގަކޮށްފައިވެއެވެ. 

ރިސެޕްޓިވް ސިޓީ ސީރީޒް ގެ ވޮލިއުމް 1 ކުރިއަށްގެންގޮސްފައިވަނީ 2016 ވަނަ އަހަރު މާލެ އާއި ހުޅުމާލޭގައެވެ. މި އަހަރު ބޭއްވި ވޮލިއުމް 2 ގެ އާރޓްސް ފެސްޓިވަލް 2017 ނިންމުމުގެ ގޮތުން ވަނަވަނައަށް ދިޔަ އާރޓް އިންސްޓޮލޭޝަންތަކުގެ ފޮޓޯ ނެގުމަށް ފޮޓޯގްރަފީ މުބާރާތެއް އިޢުލާންކޮށްފައިވެއެވެ.