ތަރައްްޤީ

ރަސްރަނި ބަގީޗާ އާންމުނަށް ވަދެވޭ ގޮތަށް ހުޅުވާލަނީ


މިއަދުން ފެށިގެން ރަސްރަނި ބަގީޗާ އާންމުނަށް ވަދެވޭ ގޮތަށް ހުޅުވާލާނެކަމަށް ހައުސިންމިނިސްޓްރީން ބުނެފިއެވެ.

ރަސްރަނި ބަގީޗާ އާންމުނަށް ހުޅުވާލުމުގެ ގޮތުން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވާނެއެވެ. ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުޢިޒް ކުރެއްވި ޓްވީޓެއްގައި ވަނީ ރަސްރަނި ބަގީޗާގައި މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވާނެކަމަށާ، މި ހަވީރުގައި ބައިވެރި ވުމުގެ ފުރުސަތު ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް ހުޅުވާލަފައިވާކަން ހާމަކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ދެ ކަނަބަލުން ހުޅުވައިދެއްވި، ރަސްރަނި ބަގީޗާއަކީ، ކުޑަކުދިންނަށް ޙަރަކާތްތެރިވެވޭނެ އުފާވެރި އެތައް ކަންތައްތަކެއް އެކުލެވޭގޮތަށް ތަޢުލީމާއި މުނިފޫހިފިލުވުމާއި ރާއްޖޭގެ ތާރީޚާ ޘަގާފަތް ދައްކުވައިދޭ ކޮންސެޕްޓަށް ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ޕާކެވެ.

ކުރީގެ ސަލްޓަންޕާކު ސަރަހައްދު އަލުންތަރައްޤީކޮށް އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް ނުވަތަ ތަޢުލީމް އުނގެނި ހިތްފަސޭހަކޮށްލެވޭ ތާރީޚާ ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ރަސްރަނި ބަގީޗާއަކީ، މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު، އަދި އެންމެ ތަފާތު ކަންތައްތައް ހިމެނޭގޮތައް ތަރައްޤީކޮށްފައިވާ ޕާކްވެސްމެއެވެ.

މި ތަނުގައި ކުޑަކުދިން ޢާއިލާއާއެކީ މަޖާކޮށްލާ ވަގުތު ހޭދަކުރުމަށް، އެކުދީންނަށް ޙާއްސަ ވަސީލަތްތައް ޤާއިމްކޮށްފައިވެއެވެ. ރަސްރަނި ބަގީޗާ އާންމުނަށް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެދުނު 6 އަކުން ދަންވަރު 12އަށެވެ. ހުކުރު ދުވަހު މެންދުރު ކުރި 11އިން މެންދުރުފަހު 2ކަށް ބަންދުކުރެވިފައި ހުރި ނަމަވެސް އެހެން ގަޑި ތަކުގައި އާންމުނަށް ވަދެވޭނެއެވެ.

ރަސްރަނި ބަގީޗާ އަށް ވަނުމަށް ޓަކައި ބިދޭސީންގެ އަތުން ފީއެއް ނެގިޔަސް 18 އަހަރު ނުފުރޭ ބިދޭސީ ކުޑަކުދިންނަށް ހިލޭ ވަދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.