ކުޅިވަރު

ކ.އަތޮޅުގައި ކުޅިވަރު ވަސީލަތްތަކަށް މިހާތަނަށް 12މިލިއަން ރުފިޔާ


ކ. އަތޮޅު ރަށްތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމަށް ދައުލަތުގެ ބަޖެޓުން 12 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން ޚަރަދުކުރައްވާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

މިނިސްޓާރ މިހެން ވިދާޅުވީ ކ.ތުލުސްދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ތުލުސްދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރެވުމަށް ސަރުކާރުން 2 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށާއި، ފުޓްސަލް ދަނޑުގެ އިތުރުން ބަށި ކޯޓެއްވެސް މި ރަށުގައި ގާއިމްކުރެވިފައިވާކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ ކ.އަތޮޅަކީ ސްޕޯޓްސް އެރީނާގެ މަޝްރޫޢުތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ އަތޮޅެއްކަމަށާއި، މިހާތަނަށް މި އަތޮޅުގައި 5 ފުޓްސަލް ދަނޑެއް ގާއިމް ކުރެވިފައިވާކަމަށެވެ. އަދި އިތުރު 4 ރަށެއްގެ ފުޓްސަލް ދަނޑުތައް އެޅުމުގެ މަސައްކަތްކުރިއަށްދާކަންވެސް މިނިސްޓާރ ފާހަގަކުރެއްވިއެވެ. 

"މިއަތޮޅުގައި ކުޅިވަރު ވަސީލަތްތައް ގާއީމްކުރުމަށް ސަރުކާރުން މިވަނީ މިހާތަނަށް 12 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައި. މިހާރުވެސް މި އަތޮޅުގެ އެކި ރަށްރަށުގައި އެކި އެކި މަޝްރޫޢުތައް ދަނީ ކުރިއަށް" މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15036048118788.jpg|

މިނިސްޓަރ ވިދާޅުވީ ސަރުކާރުން އެއްވެސް ފީއެއް ނެގުމެއް ނެތި ޒުވާނުންނަށްޓަކައި ގާއިމް މިކޮށްދޭ ތަރައްގީތައް ބަލައިގަތުމަކީ އެންމެންވެސް ކުރަންޖެހޭކަމެއްކަމަށާއި، ތަރައްގީގެ މަޝްރޫޢުތައް ކުރިއަށްދާނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް ރަށު ކައުންސިލްތަކާއި ޒުވާނުންގެ އެއްބާރުލުން އެކި އެކު ކަންކަމުގައި ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތުލުސްދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ޚާއްސަ ދެ ފުޓްސަލް މެޗެއް ކުޅުނެވެ. ފުރަތަމަ މެޗުގައި ވާދަކުރީ ޔޫތް މިނިސްޓްރީގެ ފިރިހެން މުވައްޒަފުން ޓީމަކާއި، ތުލުސްދޫގެ މުވައްސަސާތަކުން ހޮވާލެވުނު ޓީމެކެވެ. މި މެޗު ކާމިޔާބު ކުރީ ޔޫތް މިނިސްޓްރީގެ ޓީމެވެ. ދެވަނަ މެޗުގައި ވާދަކުރީ ޔޫތް މިނިސްޓްރީގެ އަންހެން މުވައްޒަފުންނާއި، ތުލުސްދޫއިން ހޮވާލެވެނު ޓީމެކެވެ. މި މެޗު ކާމިޔާބުކުރީ ތުލުސްދޫ އަންހެން ކުޅުންތެރިންގެ ޓީމެވެ. 

ރައީސް ޔާމީން ޒުވާނުންގެ ކުޅިވަރު އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ 70 ރަށެއްގައި ފުޓްސަލް ދަނޑުވަނީ ގާއިމް ކުރެވިފައެވެ. މި ދަނޑުތައް ގާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 200 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ޚަރަދުކުރެވިފައެވެ.