ޚަބަރު

"ޤައުމުގެ ޙައްޤުޤައި ފަސްޖެހުމެއް ނެތި ސާބިތުކަމާއެކު ހުންނާނަން"


އިސްލާމްދީނާއި ދިވެހި ޤައުމުގެ ޙައްޤުޤައި ފަސްޖެހުމެއް ނެތި ސާބިތުކަމާ އެކު ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު މިއަދު ދެއްވައިފިއެވެ. 

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ނިންމާލައްވަމުން މަޖިލިސް ރައީސް މަސީހް ވިދާޅުވީ އެމަނިކުފާނަށް ކުރިމަތިކުރުވާ އެއްވެސް ބިރަކަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ކުރިމަތިކުރުވާ އެއްވެސް ނުފޫޒަކަށްވެސް، ދައްޗަކަށްވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުގެންދަވަނީސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހްތިޖާޖް ކުރައްވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި އަހަރުގެ ދެވަނަ ދައުރުގައި ބޭއްވި މަޖިލީހުގެ ހުރިހާ ޖަލްސާއެއްގައިވެސް އިދިކޮޅު މެމްބަރުން ވަނީ މަޖިލިސްތެރެ ހަލަބޮލިކޮށްފައެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރައްވަނީސް މަޖިލިސް ޖަލްސާ ނުބޭއްވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން ގެންދާއިރު މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް 45 މެމްބަރަކު ޕެޓިޝަންގައި ސޮއިކުރުމަކީ މަޖިލީހުގެ ރައީސް މަސީހުގެ ޙައިސިއްޔަތު ގެއްލެންޖެހޭ ކަމެއް ނޫން ކަމަށެވެ. މޫސަ ވިދާޅުވީ މެމްބަރުންތަކެއް ސޮއިކުރައްވާ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާ ހިސާބުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްވެގެން ނުދާނެ ކަމަށާއި އެއީ ޤާނޫނު އަސާސީގެ އުޞޫލެއް ނޫން ކަމަށެވެ.