އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ބަންޑާރަ ނާއިބު މުޙައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ، ރައްޔިތުން މަޖިލީހުގެ ޤަވާއިދު އިޞްލާހު ކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ނިންމާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ އަނިލްގެ މައްސަލަ ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުގެ ޙުކުމަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ. މިދިޔަ މޭ މަހުގެ 22ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށްވެސް އެ ޙުކުމްގައި ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތް ކުރައްވާ ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ، ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ޤަވާއިދަށް އިސްލާހު ގެނެސްގެން ކަމަށެވެ. އަދި ޤަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންގެންދަވާ ކަމަށްވެސް މަސީހް ވިދާޅުވިއެވެ. އެ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން މަސީހު ވިދާޅުވީ ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންގައި އެއް މެމްބަރަކު ދެ ފަހަރަށް ސޮއިކުރައްވާފައިވާ ކަމަށެވެ. ބަންޑާރަ ނާއިބު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ 10ވަނަ ދުވަހުއެވެ.