ޚަބަރު

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ގެއްލެންޖެހޭ ސަބަބެއް ނެތް


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް 45 މެމްބަރަކު ޕެޓިޝަންގައި ސޮއިކުރުމަކީ މަޖިލީހުގެ ރައީސް މަސީހުގެ ޙައިސިއްޔަތު ގެއްލެންޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރުމާލު 2 ޖަގަހާގައި ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާޙަކަދައްކަވަމުން މޫސަ ވިދާޅުވީ މެމްބަރުންތަކެއް ސޮއިކުރައްވާ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާ ހިސާބުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްވެގެން ނުދާނެ ކަމަށާއި އެއީ ޤާނޫނު އަސާސީގެ އުޞޫލެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާ ކުރުމަށް ބެލިއިރު އެއް މެމްބަރަކު ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށާ އަދި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ، އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދު ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް، މެންބަރުންގެ ސޮއި ހަމަ ނުވާކަމަށް މޫސަ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15035504696458.jpg|ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޕީޕީއެމް ޖަލްސާގައި، ޕީޕީއެމްގެ އިސްވެރިން / ފޮޓޯ: ޕީއެސްއެމް ނިއުސް

މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ އިދާރާއިން ބްރޯޑްކާސްޓްކޮށް މީޑިއާތަކަށް ޙިއްސާ ނުކުރައްވާއިރު މެމްބަރުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރާ ވީޑިއޯތައް މީޑިއާތަކުން ބްރޯޑްކާސްޓް ކުރެވިގެން ނުވާނެ ކަމަށެވެ. އަދި އެކަން ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަންޖެހޭނެ ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މޫސާ މަނިކުވަނީ ވަނީ އިދިކޮޅު އެމްޑީޕީއާއި އަދި މިހާރު ސަރުކާރާ ދެކޮޅަށް ތިއްބެވި ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.