އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ ޗެމްޕިއަން މާޒިޔާ އާއި ތިނަދޫ 1-1އިން އެއްވަރުވި މެޗުގެ ކުޅުމަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް މޮޅީ އޭނާގެ ޓީމު ކަމަށާއި، މެޗުން ޕޮއިންޓެއް ލިބުމުން ހިތްހަމަނުޖެހޭ ކަމަށް ތިނަދޫ ޓީމުން ބުނެފި އެވެ.
ސްޕޭނުގެ ކޯޗު މާޓިނޭޒް ހުއާން މެނުއަލް ބުނީ އެއްވަރުވީ މޮޅުވެވޭނެ މެޗެއް ކަމަށާއި މިހެންވެ ކުޅުންތެރިންނަށް ވެސް ރޭ ނިދަން ވެސް އުނދަގޫވާނެ ކަމަށެވެ.
"މިހާ މޮޅަށް ކުޅެފައި އަހަރުމެންނަށް މޮޅުވެވޭނެ މެޗަކުން އެއްވަރުވީމަ އަހަންނަށް ޔަގީން އަހަރެންގެ ކުޅުންތެރިންނަށް ނިދަންވެސް އުނދަގޫވާނެ. ފުޓްބޯޅައިގައި ނަސީބު ވެސް ވަރަށް ބޮޑަށް އެހީތެރިވެގެން މެޗެއް ކާމިޔާބުވާނީ. އެންމެނަށް ވެސް ފެނިއްޖެ މި މެޗު. ކުޅުމަށް ބަލާއިރު ބޮޑު ޓީމަކީ ވެސް ތިނަދޫ ޓީމު. އަހަރުމެން ސާބިތުކޮށްދީފިން ތިނަދޫ އަށް ލީގުގައި ވާދަކުރެވޭނެކަން. މިރޭ އަހަރުމެން މޮޅަށް ކުޅުނީ ރެފްރީ އަހަރުމެން ކޮޅަށް ހުރެގެނެއްވެސްނޫން. ޕޮއިންޓެއް މުހިންމެއްނޫން. ތިން ޕޮއިންޓް ލިބުނުނަމަ ހިތްހަމަޖެހުނީސް" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ މެޗު ކާމިޔާބު ނުކުރެވެމުން ދެރަވާ ކަމަށާއި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު އެހާބޮޑަށް އުފާވެސް ވާ ކަމަށެވެ.
މާޒިޔާގެ ކޯޗު މަރްޔާން ސެކުލޯސްކީ ބުނީ ތިނަދޫ ކުރިހާ ވެސް ކަމަކީ ފަހަތުގައި ތިބެ ޑިފެންސްކޮށްފައި ކައުންޓަ އެޓޭކް ކުރުން ކަމަށެވެ. އަދި އޭނާގެ ޓީމަށް މެޗު އުނދަގޫވީ މިކަމާހެދި ކަމަށެވެ.
"އަހަރެން އިއްޔެވެސް ބުނިވާހަކަ ބުނަން އޮތީ. އެމީހުން ފަހަތުގައިތިބެ ޑިފެންސްކުރީ. ކައުންޓަ އެޓޭކަށް ވިސްނައިގެންތިބެނީ. މިހެން ކުޅޭ ބަޔަކާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ. އެކަމަކު މި މެޗުން ލިބުނު ޕޮއިންޓަކީ ވަރަށް މުހިންމު ޕޮއިންޓެއް،" ކޯޗު ބުންޏެވެ.