ޚަބަރު

އެސް.އެމް.އީ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ އެސް.އެމް.އީ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޢަމާޒުކޮށްގެން ހިންގާ މިޕްރޮގްރާމާއި ގުޅޭ މަޢުލޫމާތުދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ މިފަހަރުގެ އެސް.އެމް.އީ ލޯނަށް ތިރީސް އަށް މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ. 

8 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ އެސް.އެމް.އީ ލޯން ސްކީމްގައި ޒުވާނުންނާއި، އަންހެނުންގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް މިނިސްޓްރީ އިން ބުނެއެވެ. އަދި މިފަހަރު ލޯނަށް ކުރިމަތިލުމަށް ފުރާ ފޯމް ކުރިއަށްވުރެ ފަސޭހަކޮށްފައިވާކަން އޭނާ ފާހަގަކުރިއެވެ.

އެސް.އެމް.އީ ލޯނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް ޝަޢުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިގެން، އެއްވެސް ރަހުނެއް ނެތި، ކުޑަ އިންޓްރެސްޓް ރޭޓަކާއިއެކު ސަރުކާރުން ކުރިއަށްގެންދާ ލޯން ސްކީމެކެވެ. މި ލޯން ސަރުކާރަށް އަނބުރާ ދެއްކުމަށް ނުވަ އަހަރުގެ މުއްދަތެއް ލިބެއެވެ.

img:http://s3.psmnews.mv/images/660x400/8135.jpg|އެސްއެމްއީ ލޯން ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުން ވިދާޅުވީ އަށާރަ އަހަރާއި، ތިރީސްފަސްއަހަރާއި ދެމެދުގެ ޒުވާނުންނަށް ހުޅުވާލި ގެޓް ސެޓް ލޯން ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށްދާކަމަށާއި، މި ލޯނަށް ހޮވޭ ފަރާތްތައް އަންނަ ސެޕްޓެމްބަރުމަހުގެ ކުރީކޮޅުގައި އިޢުލާން ކުރާނެކަމަށެވެ. 2017 ވަނަ އަހަރަށް ހުޅުވާލި ގެޓް ސެޓް ލޯން ސްކީމަށް 530 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުމްތާޒު ވިދާޅުވީ ތަފާތު، މޮޅު ޚިޔާލުތަކުގެ މައްޗަށް ކުދި އަދި މެދު ފަންތީގެ ވިޔާފާރި ފަށަން ބޭނުންވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ލޯނުގެ އިތުރު އެހީތަކެއް ހަމަޖެއްސުމަށް ބޭންކް އޮފް މޯލްޑިވްސް އާއިއެކު ވާހަކަ ދައްކަމުންދާކަމަށެވެ.

އެސް.އެމް.އީ ލޯނަށް ކުރިމަލތިލާ ފޯމް މިމަހުގެ ހަތާވީހުން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ އޮފީހުންނާއި، ރަސްމީ ވެބްސައިޓުން ލިބެންހުންނާނެއެވެ. އަދި ސެޕްޓެމްބަރު ސަތާރަ އިން ހަތާވީހާއި ހަމައަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިނިސްޓްރީ އިން ފޯރމް ބަލައިގަންނާނެއެވެ.