ޚަބަރު

ކޯޓަށް ހާޟިރުނުވުމުން ޖުމްހޫރީޕާޓީގެ މައްސަލަ ބޭރުކޮށްލައިފި


ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރުން ހުއްޓާލުމަށް އަންގާފައިވާ އެންގުން ބާތިލްކުރުމަށް އެޕާޓީން ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމަށް ޖުމްހޫރީ ޕާޓީން ހާޟިރުވެފައި ނުވާތީ، މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ޤައުމީ ދިދަ ބޭނުންކުރުމާބެހޭ އުސޫލުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުންކުރުން ހުއްޓާލުމަށް އަންގާފައިވަނީ، ޖުމްހޫރީ ޕާޓީން ބޭނުންކުރާ ދިދައާއި ލޯގޯ ރައީސުލްޖުމްހޫރިއްޔާގެ ދިދައާއި އެއްގޮތްވާތީއެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުން ފެށިގެން ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީއަށްވަނީ އަންގާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މި އެންގުން ބާތިލުކުރުމަށް ޖުމްހޫރީ ޕާޓިން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓަށް ބަލައިގަތުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ތާވަލްކޮށްފައިވެއެވެ. އެހެންނަމަވެސް ކުރިން އެންގުމަކާ ނުލައި ޖުމްހޫރީ ޕާޓީން އެކޯޓަށް ޙާޟިރުވެފައި ނުވާތީ އެމައްސަލަ ކޯޓުންވަނީ ބޭރުކޮށްލާފައެވެ. ސިވިލް ކޯޓަށް ހުށައަޅާ މައްސަލަތަކުގެ އަޑުއެހުންތަކަށް މަޤްބޫލު ސަބަބެއްނެތި ހާޟިރު ނުވެއްޖެނަމަ އެމައްސަލައެއް ކޯޓުން ބޭރުކޮށްލުމަކީ އެކޯޓުން ޢަމަލުކުރާ އާންމު އުސޫލުކަން ފާހަގަކޮށްލެވެއެވެ.