ކުޅިވަރު

އުމުރު އޮޅުވާލި ކަމަށްބުނެ، ޝާޒްލީގެ ތުހުމަތު އިންޑިޔާ އަށް!


16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ 9-0 ން ބަލިކުރި އިންޑިޔާ ޓީމުގައި މާދޮށީ ކުޅުންތެރިން ކުޅުނު ކަމަށް ރާއްޖެއިން ތުހުމަތު ކޮށްފި އެވެ.

ދިވެހި ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ މިހެން ބުނީ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުގައި ހޯމަ ދުވަހު ނޭޕާލް އަތުން 6-0އިން ބަލިވެ މުބާރާތުން ކެޓި މެޗަށް ފަހު އެވެ.

އޭނާ ބުނީ ޖިސްމާނީ ގޮތުން ނޭޕާލާއި ރާއްޖެ ވެސް ހަމަހަމަ ކަމަށާއި ނަމަވެސް އިންޑިޔާ ކުޅުންތެރިން މާވަރުގަދަ ކަމަށެވެ. މި ގޮތުން އިންޑިޔާ ކުޅުންތެރިން ފެނިފައިވަނީ ރާއްޖޭގެ ނިއުރޭޑިއަންޓާއި މާޒިޔާ ފަދަ ކުލަބުތައް ވާދަކުރާ އޭއެފްސީ ކަޕް ވެސް ކާމިޔާބު ކުރެވޭހާ ހުނަރާއި ފިޒިކަލް ފިޓްނަސް ހުރި ވަރަށް ގާބިލް ޓީމެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ކިބާގައި މިހުރިހާކަމެއް މިހާ ފުރިހަމައަށް ހުންނާނެކަމާމެދު ޝައްކު ކަމަށެވެ.

ކުޅުންތެރިންގެ އުމުރާމެދު ސުވާލު އުފައްދަމުން ޝާޒްލީ އިތުރަށް ބުނީ އިންޑިޔާ އަތުން ރާއްޖެ ނުވަ ލަނޑުން ބަލިވުމުގެ އެއް ސަބަބަކީ ވެސް ޖިސްމާނީ ތަފާތު ކަމަށެވެ. އަދި ނޭޕާލް އަތުން ހަ ލަނޑުން ބަލިވި ނަމަވެސް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށާއި އެއީ ދެ ޓީމު ވެސް ޖިސްމާނީ ގޮތުން ދާދި ހަމަހަމަވުމުން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.