ޚަބަރު

އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސް ނިމިއްޖެ


އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓަކީ އދ. ގެ ތަޢުލީމާއި ސައިންސާއި ޘަޤާފަތާބެހޭ ޖަމްޢިއްޔާ، ޔުނެސްކޯގެ ގިއުގަނޑުގެ ތެރެއިން، އޭޝިޔާ ޕެސިފިކް ޤައުމުތައް ހިމެނޭގޮތުން 1977 ގައި އުފައްދާފައިވާ އިންޓަރ ގަވަރމަންޓް އޮގަނައިޒޭޝަނެކެވެ. މި އޮގަނައިޒޭޝަންގެ މަސައްކަތައް އަމާޒުކޮށްފައިވަނީ ސަރަޙައްދުގެ ޤައުމުތަކުގެ އިލެކްޓްރޯނިކް އަދި ބްރޯޑްކާސްޓް މީޑިއާގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމަށެވެ. މިޖަމްޢިއްޔާގައި މެންބަރު 26 ޤައުމު ހިމެނެއެވެ. ރާއްޖެއަކީ މި ޖަމްޢިއްޔާގެ ފުރިހަމަ މެންބަރ ޤައުމެކެވެ.  

ރާއްޖޭގައި ބޭއްވި އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސް އިންތިޒާމްކުރީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެހުމާންދާރީއާއި އިންތިޒާމްތަކުގެ ދަށުންނެވެ. މިބައްދަލުވުމުގައި މެންބަރު ހުރިހާ ޤައުމަކުން ފަންސާހެއްހާ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުމުގައި ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި، 2016 ވަނަ އަހަރު އެ އޮގަނައިޒޭޝަންގެ ކަންކަން ހިނގައިދިޔަ ގޮތް މުރާޖަޢާކުރުން ހިމެނެއެވެ. އަދި އޮގަނައިޒޭޝަންގެ ހިންގުން އިތުރަށް ހަރުދަނާކޮށް މެންބަރު ޤައުމުތަކަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ބައްޓަންކުރުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތަކާމެދު ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށް، ގޮތްތަކެއް ކަނޑައަޅާފައެވެ. 

img:http://s1.psmnews.mv/images/660x400/15034130966736.jpg|އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ބަނޑޮސް މޯލްޑިވްސްގައި ބޭއްވި އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސުން ވަނީ، މެންބަރު ޤައުމުތަކަށް ދެވޭ ތަމްރީންގެ ފުރުޞަތުތައް، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު އިތުރުކުރުމަށް ނިންމާފައެވެ. އަދި އެ އޮގަނައިޒޭޝަންގެ ހިންގުން ހަލުއިކޮށް، ހަރުދަނާކުރުމަށާއި މެންބަރު ޤައުމުތަކުގެ މަންފާއަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް ބޭނުންވާ ބައިނަލްއަޤުވާމީ މާލީ އެހީތެރިކަން ހޯދޭނެ އިތުރު ގޮތްތަކާމެދުވެސް މަޝްވަރާކުރިއެވެ.

މިއަންނަ އަހަރު އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސް ބޭއްވުމަށް ޝްރީލަންކާއިން ހުށައެޅި ހުށައެޅުމާ އެއްގޮތަށް ކޮޅުނބުގައި މި ބައްދަލުވުން ބޭއްވުމަށް ނިންމިއެވެ. އަދި އަންނަ އަހަރު އޭޝިޔާ މީޑިއާ ސަމިޓް އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވުމަށާއި 2019 ވަނަ އަހަރުގެ ޖެނެރަލް ކޮންފަރެންސް ބޫޓާންގައި ބޭއްވުމަށްވެސް ރާއްޖޭގައި ބޭއްވުނު މިބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

img:http://s3.psmnews.mv/images/660x400/15034130847898.jpg|އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މިބައްދަލުވުމުގައި އެކި ޤައުމުތަކުން ބައިވެރިވެވަޑައިގެންނެވި މަންދޫބުން ވަނީ، ޕީއެސްއެމުން މިބައްދަލުވުން އިންތިޒާމްކުރިލެއް ފުރިހަމަކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފްކޮށް، ޝުކުރުއަދާކޮށްފައެވެ.

މިބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރި ޕީއެސްއެމްގެ ވަފުދުގެ ވެރިޔާ، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވަނީ މިބައްދަލުވުމުގެ އަރިމަތިން، އެކި ޤައުމުތަކުގެ ވަފުދުތަކާ ބައްދަލުކުރައްވައި، ތަމްރީންގެ ގޮތުން ފަންނީ އެހެން ގޮތްގޮތުން ޕީއެސްއެމްއަށް އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ. އަދި މިކަންކަމަށް ވަނީ އީޖާބީ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައެވެ. ޚާއްޞަކޮށް، މެލޭޝިއާ، ސިންގަޕޯރ، ސްރީލަންކާ އަދި ތައިލޭންޑްގެ ޤައުމީ މީޑިއާތަކުގެ ވެރިން ވަނީ އެތަންތަނުން އެހީތެރިކަން ޕީއެސްއެމްއަށް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.