ޚަބަރު

ޕީއެސްއެމްއަށް ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ޕީއެސްއެމްގެ ގަވަރނިންގ ބޯޑްގެ މެންބަރުންނާއި އިސް މެނޭޖްމަންޓްގެ ބޭފުޅުން އޭބީޔޫގެ ސެކްރެޓްރީ ޖެނެރަލާއި އޭއައިބީޑީގެ ޑިރެކްޓަރާ ބައްދަލުކުރައްވައި ޕީއެސްއެމްއަށް މިވަގުތަށް ބޭނުންވާ ބައެއް އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޖަވާދު މުއްތަގީއާއި އޭއައިބީޑީގެ ޑިރެކްޓަރ މިސްޓަރ ޝެން ޔިން އާ ޕީއެސްއެމްގެ އެންމެ އިސްވެރިން ބައްދަލުކުރެއްވީ މިއަދު ނިމުނު އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ހަވާސާގައި ބަނޑޮސް މޯލްޑިވްސްގައެވެ.

އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން އޭބީޔޫއަކީ، މިނިވަން އަދި ވިޔަފާރީގެ އުޞޫލުތަކުން ބޭރުން މަސައްކަތްކުރަމުން އަންނަ ބްރޯޑްކާސްޓިންގއާބެހޭ ސަރަޙައްދީ ފަންނީ ޖަމްޢިއްޔާއެކެވެ. އޭޝިޔާ ފެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް އޭއައިބީޑީ އަކީ، މި ސަރަޙައްދުގެ ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްޤީކުރުމަށާއި ބްރޯޑްކާސްޓިންގެ މިންގަނޑުތައް ހަރުދަނާކުރުމަށް މަސައްކަތްކުރާ އޮގަނައިޒޭޝަނެކެވެ. މި ދެޖަމްޢިއްޔާގެ ވެރިންނާ، ޕީއެސްއެމްގެ ގަވަރނިންގ ބޯޑުގެ މެންބަރުންނާއި އިސް މެނޭޖްމަންޓްގެ ބޭފުޅުން ބައްދަލުކުރައްވައި، ޕީއެސްއެމްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިޔަށް ގެންދިއުމުގައި އެ ޖަމްޢިއްޔާގެ އެހީތެރިކަން މިވަގުތަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/15034229243996.jpg|އޭއައިބީޑީގެ ޑިރެކްޓަރ މިސްޓަރ ޝެން ޔިން އާއި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް / ފޮޓޯ: ޕީއެސްއެމް

މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރެއްވި މައިގަނޑު ކަންކަމުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީންގެ ފުރުޞަތުތައް އިތުރަށް ހޯދައި މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމާއި ކުންފުނީގެ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ކޮންސަލްޓަންސީ ހޯދުން ހިމެނެއެވެ. އަދި ޕީއެސްއެމްގެ ޓްރޭނިންގ އިންސިޓިއުޓްކަމުގައިވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ މާސްޓަރ ޕްލޭން އޭބީޔޫގެ އެހީތެރިކަމާއެކު ހެދުމާމެދު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރަށް ކުރިޔަށް އޮތް 2018 ވަނަ އަހަރަކީ، ރާއްޖޭގައި ރިޔާސީ އިންތިޚާބު ބާއްވާނެ އަހަރުކަމަށްވުމާއެކު، އިންތިޚާބު ކަވަރކުރުމާއި ރިޕޯޓްކުރުމުގެ ކަންކަން، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފެތޭ އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ކޯޑް އޮފް ކޮންޑަކްޓާއި ސްޓޭންޑަޑްތައް، އޭއައިބީޑީގެ އެހީތެރިކަމާއެކު އެކުލަވާލުމާމެދުވެސް ވަނީ ތަފްޞީލް ގޮތެއްގައި މަޝްވަރާކުރައްވާފައެވެ.

މި ދެބައްދަލުވުމުގައިވެސް ޕީއެސްއެމްގެ ގަވަރނިންގ ބޯޑާއި އިސް މެނޭޖްމަންޓުން އެދިވަޑައިގެންނެވި ހުރިހާ ކަމެއް ކޮށްދެއްވުމަށް އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް ޖަވާދު މުއްތަގީވެސް އަދި އޭއައިބީޑީގެ ޑިރެކްޓަރ މިސްޓަރ ޝެން ޔިންވެސް ވަނީ ނިންމަވައި އެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ދެ ޖަމްޢިއްޔާގެ ވެރިން ރާއްޖެ ވަޑައިގަތީ އޭއައިބީޑީގެ އެނުއަލް ޖެނެރަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ. ޕީއެސްއެމްގެ މެހުމާންދާރީގައި ބަނޑޮސް މޯލްޑިވްސްގައި ބޭއްވި މިބައްދަލުވުމުމުގެ އިންތިޒާމްތައް ރަނގަޅު ފެންވަރެއްގައި ހަމަޖައްސައި، ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް ކުރި މުހިންމު މަސައްކަތް ފާހަގަކުރައްވައި އިންތިޒާމްތައް ފުރިހަމަކަމަށްޓަކައި އޭއައިބީޑީގެ ޑިރެކްޓަރ އާއި އޭބީޔޫގެ ސެކްރެޓްރީ ޖެނެރަލް ވަނީ ޕީއެސްއެމްގެ ވެރިންނަށާއި މިކަމުގައި ޙަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.