ޚަބަރު

ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަކީ މީޑިއާގެ ޒިންމާއެއް


މީޑިއާގެ ބޭނުމަކީ ރައްޔިތުންނަށް ހިތްހަމަނުޖެހުން ގެނެސްދިނުން ނޫންކަމަށާއި، މީޑިއާގެ ޒިންމާއަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ މޯޓިވޭޓް ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިހެން ވިދާޅުވީ އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިން ޑިވެލެޕްމަންޓް، އޭއައިބީޑީގެ ސާޅީސް ތިންވަނަ އަހަރީ ބައްދަލުވުމާއިއެކު، ސޯޅަވަނަ ޖެނަރަލް ކޮންފަރެންސް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިން ޑެވެލެޕްމަންޓް، އޭއައިބީޑީގެ ސާޅީސް ތިންވަނަ އަހަރީ ބައްދަލުވުމާއި ސޯޅަވަނަ ޖެނަރަލް ކޮންފަރެންސް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަބްދުﷲ ޖިހާދުއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ނާއިބު ރައީސް ވިދާޅުވީ ޤައުމެއްގެ ތަރައްޤީއާއި ޑިމޮކްރަސީ ހަރުދަނާކުރުމުގައި މީޑިއާގެ ދައުރު ވަރަށް ބޮޑުކަމަށެވެ. ރާއްޖޭގައި މީޑިޔާގެ ދައުރު ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ ޤައުމެއް ކުރިއަރާ ދިއުމުގައި މީޑިޔާއަށް ވަރަށް މުހިންމު ދައުރުތަކެއް އަދާ ކުރެވިދާނެ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/15034101578813.jpg|ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ސަރުކާރާއި، ރައްޔިތުން ގުޅުވައިދޭ މައި ތަނބަކީ މީޑިއާ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށްވާއިރު، މީޑިއާގެ ބޭނުމަކީ ރައްޔިތުންނަށް ހިތްހަމަނުޖެހުން ގެނެސްދިނުން ނޫންކަމަށާއި، މީޑިއާގެ ޒިންމާއަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ މޯޓިވޭޓް ކުރުންކަމަށްވެސް ނާއިބުރައީސް ވިދާޅުވިއެވެ.

އޭއައިބީޑީ އަކީ އޭޝިޔާ ސަރަޙައްދުގެ މީޑިޔާގެ ވަސީލާތްތައް ތަރައްޤީކޮށް، އުފެއްދުންތެރި ދެމެހެއްޓެނިވި މީޑިޔާތަކެއް ބިނާ ކުރުމަށް 1977 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އޭއައިބީޑީގެ މިދައުރުގެ ރައީސް، އައްބާސް ނަސޭރީ ތަހޭރީގެ ވާހަކަފުޅުގައި ދުނިޔޭގައި ސުލްހަ އާއި އެކުވެރިކަން ނެގެހެއްޓުމަށް މީޑިއާތަކަށް މުހިންމު ރޯލުތަކެއް އަދާ ކުރެވިދާނެކަން ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ދިވެހިރާއްޖެ، ބައިނަލްއަޤްވާމީ މީޑިއާގައި ވަރަށް ބޮޑަށް އިޝްތިހާރުވެގެން ދާނެކަމަށާއި، ދިވެހިންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/15034101934210.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިމިނަތު ޝާޔަން ޝާހިދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

އޭއައިބީޑީގެ މެންބަރު ޤައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތްތަކުން އެއްވަނައަށް ހޮވުނު ޓީވީ އާއި ރޭޑިއޯ ރިޕޯޓްތަކާއި ޕްރޮގްރާމްތައް ޢިއުލާންކޮށް އެވޯޑް ދިނުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ. ތަފާތު އިޖުތިމާޢީ މަޢުލޫތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ މޮޅު ޕްރޮގްރާމްތަކެއް މިއަހަރުވެސް ބައިވެރިކޮށްފައިވެއެވެ.  

އޭއައިބީޑީގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި 26 ޤައުމު ހިމެނެއެވެ. ރާއްޖެއަކީވެސް އޭއައިބީޑީގެ ފުރިހަމަ މެންބަރެކެވެ. އެ ޖަމްޢިއްޔާ މެދުވެރިކޮށް ރާއްޖެއަށް ތަމްރީނާއި ފަންނީ އެކިއެކި ފުރުޞަތުތައް ރާއްޖެއަށް އަންނަނީ ލިބެމުންނެވެ.

މިމަހުގެ 21 ން 23 އަށް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އޭ.އައި.ބީ.ޑީ ގެ 43 ވަނަ އަހަރީ ބައްދަލުވުމުގެ އިތުރުން އެޖަމްޢިއްޔާގެ 16 ވަނަ ޢާއްމު ކޮންފަރެންސާއި އިތުރު ފަންނީ ބައްދަލުވުންތަކެއްވެސް ކުރިއަށްދާނެއެވެ.

ޕީއެސްއެމްއިން ދުނިޔޭގެ އެކި ޤައުމުތަކުގެ މީޑިއާ އޯގަނައިޒޭޝަންތައް ހިމެނޭގޮތަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި މިއަހަރުތެރޭގައި ބާއްވާ މިއީ މިފަދަ ދެވަނަ ބައްދަލުވުމެވެ.

އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިން ޑެވެލެޕްމަންޓް، އޭއައިބީޑީގެ ބައްދަލްވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެކާވީހުން ތޭވީހަށް ބަންޑޮސް މޯލްޑިވްސްގައެވެ.