ޚަބަރު

އައްޑޫސިޓީން ޢުމްރާއަށް ދާ ފަރާތްތަކަށް ފަޞޭހަ އިންތިޒާމެއް


އައްޑޫސިޓީން ޢުމްރާއަށް ދާ ފަރާތްތަކަށް ކޮލޮމްބޯގައި މަޑުކުރުމަށްފަހު، ސީދާ ޖިއްދާއަށް ފުރޭނެގޮތް ފުރަތަމަފަހަރަށް ސްރީލަންކަން އެއަރލައިންސް އިން ހަމަޖައްސައިފިއެވެ. 

ސްރީލަންކަން ހޮލިޑޭސްގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް، އިނަރ މޯލްޑިވްސްއިން ބުނީ ތާރީޚުގައިވެސް ފުރަތަމަފަހަރަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ޢުމްރާ އަށް ފުރާ ފަރާތްތަކަށް މާލޭގައި މަޑުކުރަން ނުޖެހި، ކޮލޮމްބޯއަށް ގޮސް، އެތަނުން ސީދާ ޖިއްދާއަށް ދެވޭނެ ގޮތަށް ދަތުރުތައް ރާވާފައިވާކަމަށާއި، އެކަމުގެ މަޢުލޫމަތު ޢުމްރާ ގުރޫޕުތަކާއި ޙިއްސާކުރަމުންދާކަމަށެވެ.

އިނަރ މޯލްޑިވްސް ގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ ސްކޫލް ބަންދާއި ދިމާކޮށް ގިނަ ފަރާތްތަކުން ޢުމްރާއަށް ފުރާއިރު އެދުވަސްވަރާއި ދިމާކޮށް މިހާރު ގަމުން އޮޕަރޭޓްކުރަމުންދާ ސްރީލަންކަންގެ މަތިންދާބޯޓުގެ ފްލީޓަށް 2 ބޯޓު އިތުރުކުރާނެކަމަށާއި، މިހާރު ހަފްތާއަކު 4 ދުވަހު ބާއްވަމުން އަންނަ ގަން-ކޮލޮމްބޯ ދަތުރުތައް ހަފްތާއަކު 6 ދުވަހު ބާއްވާގޮތަށް ހަމަޖައްސާނެކަމަށެވެ. އަދި ހެނދުނު ބާއްވަމުން އަންނަ ދަތުރުތަކުގެ އިތުރުން ދެ ދުވަހެއްގެ ހަވީރު ދަތުރުތައް ބާއްވާނެކަމަށާއި، އެކަމުގެ ސަބަބުން ގަމުގެ އިތުރުން ކާޑެއްދޫ އާއި ކޫއްޑޫ ވެސް، ކޮލޮމްބޯ ރޫޓާއި ގުޅާލެވޭނެކަމަށް ފިރާޤް ވިދާޅުވިއެވެ.

މިއަހަރުގެ ނޮވެމްބަރމަހު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި ޢުމްރާއަށް ފުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޖާގަދޭނެކަމަށް އިނަ މޯލްޑިވްސް އިން މަޢުލޫމާތުދެއެވެ.