ޚަބަރު

މޭޖަރ އަޙްމަދު ޢާޠިފްގެ ޖަނާޒާ ބާއްވައިފި


އިއްޔެ އަވަހާރަވި އެމްއެންޑީއެފްގެ މޭޖަރ އަޙްމަދު ޢާޠިފްގެ ޖަނާޒާ ރޭ ބާއްވައިފިއެވެ.

މޭޖަރ ޢާޠިފްގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެން ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ވަޒީރުންނާއި ސިފައިންގެ ބޭކަލުންނާއި ގިނަ އަދަދެއްގެ ޢާއްމުން މޭޖަރ ޢާޠިފްގެ ޖަނާޒާގައި ބައިވެރިވިއެވެ.

މޭޖާރ ޢާތިފް އަވަހާރަވީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކުއްލިގޮތަކަށެވެ. އަވަހާރަވިއިރު ހުންނެވީ ހދ. ހަނިމާދޫގައި ހުންނަ ނޮދަންއޭރިޔާގެ ސިފައިންގެ މަރުކަޒުގައި އެމްއެންޑީއެފް ނޯދަން އޭރިޔާގެ ޑެޕިއުޓީ ކޮމާންޑަރެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައެވެ.

މޭޖަރ އަހުމަދު އާތިފްއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގައި ގިނަގުނަ ޙިދުމަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން މޭޖަރ އާތިފް އަވަހާރަވިއިރު ހުންނެވީ ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައެވެ. އަދި ހަނިމާދޫ އެއާޕޯޓްގެ ސަލާމަތީ ހުރިހާ ކަމެއް ބައްލަވަމުން ގެންދެވީ އާތިފްގެ ބެލުމުގެ ދަށުންނެވެ. 30 އަހަރަށްވުރެ ގިނަ ދުވަހު އެމްއެންޑީއެފުގައި ޤައުމަށް ޙިދުމަތްކޮށްދެއްވާފައިވާއިރު މޭޖަރ އާތިފު ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އެގޮތުން މޭޖާރ އާތިފް ވަނީ ސިފައިންގެ ޚިދުމަތުގައި ގިނަ މެޑަލްތަކާއި ކުލަ ހާސިލްކުރައްވާފައެވެ. 

މޭޖާރ އާތިފް ހާސިލްކުރައްވާފައިވާ މެޑަލްތަކުގެ ތެރޭގައި ތިނެއް ނޮވެމްބަރުގެ މެޑަލްއާއި ސައްތައިގެ މެޑަލްއާއި އަޙްލާގީ ކުލަ 1އާއި ހުނަރުވެރިކަމުގެ ކުލައާއި، ޙާއްސަ ހިދުމަތުގެ ކުލަ 1،އާއި އަޙްލާގީ ކުލަ 2،އާއި ސިފައިންގެ ޙިދުމަތުގެ ކުލަ، އާއި ދިގުމުއްދަތެއްގައި ޙިދުމަތް ކުރުމުގެ ކުލަ،އާއި އިޙްލާސްތެރި ޙިދުމަތުގެ ކުލަ،އާއި ސިފައިންގެ ޙިދުމަތުގެ މެޑަލް،އާއި އަޙްލާގީ ކުލަ 3،އާއި އަޙްލާގީ މެޑަލް، އާއި ރައީސުލް ޖުމްހޫރިއްޔާގެ ކުލަ،އާއި ސަތާރަވަނަ ސާކް ސަމިޓް މެޑަލް 1،އާއި ކާމިޔާބުގެ ކުލަ 1 އަދި އިޙްލާސްތެރި ޙިދުމަތުގެ މެޑަލް ހިމެނެއެވެ. މީގެ އިތުރުން މިއުޒިކީ ދާއިރާއިން މޭޖަރ އާތިފު ކުރައްވަމުންގެންދެވި އަގުހުރި ޙިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ދިވެހި ސަރުކާރުން ވަނީ 2014 ވަނަ އަހަރު، ޕާރފޯމިންގ އާޓްސްގެ ދާއިރާއިން މޭޖަރ އާތިފްއަށް ހިއްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވާފައެވެ. 

ސިފައިންގެ ޚިދުމަތުގެ އިތުރުން މޭޖަރ އާތިފަކީ މިއުޒިކުގެ ދާއިރާއިންވެސް މަޝްހޫރު ފާހަގަކޮށްލެވޭ ބޭފުޅެއް. އެގޮތުން އާތިފުގެ އަޑު އާންމުކޮށް އިވެން ފެށީ 1988 ވަނަ އަހަރުން ފެށިގެނެވެ. މޭޖަރ އާތިފްގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝަހޫރުވެގެންދިޔަ އެއް ލަވަޔަކީ އަލްމަރުހޫމް ސައިކުރާ އިބްރާހީމް ނައީމް ހައްދަވާފައިވާ " ދިވެހި ޤައުމީ ޒުވާނުން ކެރޭ"އެވެ. 

ޤައުމީ ލަވަތަކާއި މަދަހަވެސް ދިވާޅުވެފައިވާ މޭޖަރ އާތިފަކީ މިއުޒިކުގެ ދައިރާއަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ އެންމެ މަޤްބޫލު އެއް މިޔުޒިކް ބޭންޑް، ކޮޕްސް ބޭންޑު އުފައްދަވާ ބޭންޑު މެދުވެރިކޮށް ވަރަށް ގިނަ ލަވަތައް ވިދާޅުވެފައިވޭ. ޙާއްސަކޮށް އަމިއްލަ ރާގުތަކަށް ކިޔުއްވާފައިވާ ލަވަތައް ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން އާތިފް ވިދާޅުވެފައިވާ ޤައުމީ ލަވަތަކުގެ ތެރެއިން "ޖޯޝޭ ގެނައި މީ ޤައުމީ އުފާ" ފަދަ ލަވަތައް ފާހަގަކޮށްލެވެއެވެ.

މޭޖަރ އާތިފް ވިދާޅުވެފައިވާ ލަވަތަކާއި އަދި ރެކޯޑު ކުރެވިފައިވާ ލަވަތަކުގެ އަދަދު މިހާރު 500 އާ ކައިރިކުރާއިރު، މިހާތަނަށް އެއްވެސް ލަވައެއް އަގަށް ވިދާޅުވެފައި ނުވާކަން އެއީ ވަކިން ޙާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އެކިއެކި މުނާސަބަތުތަކާ ގުޅިގެން، ތައްޔާރުކުރާ ލަވަތަކުގައިވެސް މޭޖަރ އާތިފުގެ ޙިއްސާ ވަރަށް ބޮޑެވެ. އަދި ޤައުމީ ލަވަ މުބާރާތާއި އެކި ފަރާތްތަކުން އިންތިޒާމްކުރާ އެކިއެކި ލަވަ މުބާރާތުގައިވެސް، ޖަޖުންގެ ޕެނަލުން މޭޖަރ އާތިފު ނުފެންނަ މުބާރާތެއް ވަރަށް މަދެވެ. މޭޖަރ އާތިފްގެ ޤައުމީ ޚިދުމަތުގެ ތެރެއިން އޭނާ މަޝްހޫރުވެފައިވަނީ ލަވަ ލިޔުންތެރިއެއްގެ ގޮތުގައެވެ.

ސިފައިންގެ ޚިދުމަތުގައި 30 އަށްވުރެ ގިނަ އަހަރު އިޚްލާސްތެރި ޚިދުމަތެއް ކުރައްވާފައިވާ މޭޖަރ އާތިފް އަވަހާރަވިއު އުމުރުފުޅަކީ ފަންސާސް އެއް އަހަރެވެ.