ތަރައްްޤީ

އިޤްތިޞާދީ ކުރިއެރުން ތަފާސް ހިސާބުން ފެނޭ


އިޤްތިޞާދީ އަދި އުމްރާނީގޮތުން ދިވެހިރާއްޖެ މިއަދު ހޯދަމުންއަންނަ ކުރިއެރުންތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ފެންނަ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް ކަސްޓަމްސްގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިމޭރުމުން ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތުގައި މިވީ 127 އަހަރުގައި އެމުއައްސަސާއަށް އެންމެބޮޑު ކުރިއެރުމެއް ލިބުނު ދުވަސްވަރަކީ މިއީ ކަމަށެވެ. އަދި ރައީސުލްޖުމްޙޫރިއްޔާ އަބުދުﷲ ޔާމީންގެ އިޤްތިޞާދީ ސިޔާސަތުތަކާއިއެކު ރާއްޖެއިންކުރާ ވިޔަފާރީގެ މުއާމަލާތްތައް ވަރަށްބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެއަށް 35 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަމަށެވެ.

2015 ވަނަ އަހަރާ އަޅާބަލާއިރު، ނިމިގެންދިޔަ 2016ވަނަ އަހަރު ދިވެހިރާއްޖެއިން ބޭރުކުރި މުދަލުގެ އަގުވަނީ %29 އިތުރުވެފައެވެ. މި ތަފާސްހިސާބުތަކުން ދައްކައިދެނީ އިޤްތިޞާދީ އަދި އުމްރާނީ ގޮތުން ދިވެހިރާއްޖެ ހޯދަމުން އަންނަ ކުރިއެރުންކަން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް ވިދާޅުވީ، ކަސްޓަމްސްގެ ޚިދުމަތްތައް ފަރުމާކުރަމުންދަނީ ޚިދުމަތްލިބި ގަންނަ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެންކަމަށެވެ.

img:http://s1.psmnews.mv/images/660x400/14669576854394.jpg|ކަސްޓަމްސް އޮފިސަރަކު މަސައްކަތުގައި - ފައިލް ފޮޓޯ: ކަސްޓަމްސް

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަސްޓަމްސް ސަރވިސްގެ ޚިދުމަތަށް ގެނައި ހެޔޮބަދަލާއިއެކު އެއޮތޯރިޓީގެ ޚިދުމަތް ހަލުވިވެ، ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ލުއިފަސޭހަކަން ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.

 މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 127ވަނަ އަހަރީ ޖަލްސާގައި ވަނީ ކަސްޓަމްސްގެ އައު ވެބްސައިޓާ އީ ކަސްޓަމްސްގެ ޚިދުމަތް ތައާރަފްކޮށްފައެވެ. އަދި މި ޖަލްސާގައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އައު ޔުނީފޯމް ތައާރަފްކޮށްފައެވެ. މީގެ އިތުރުން މި ޖަލްސާގައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރި މުއައްޒަފުންނަށް ހަނދާނީ ފިލާދީފައެވެ