ޚަބަރު

"ސޭފްޓީ ވީކް" ފަށައިފި


ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ވަރުގަދަކޮށް، ނުރައްކާތެރި ޙާލަތްތައް މަދުކުރުމަށް ކުރިއަށްގެންދާ "ސޭފްޓީ ވީކް"  ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފަށައިފިއެވެ. ހަތަރު ދުވަހުގެ މި ޕްރޮގްރާމް އެއަރޕޯޓްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ކުރިއަށްގެންދެއެވެ. 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ކުރިއަށްގެންދާ ސޭފްޓީވީކްގައި އެމް.އޭ.ސީ.އެލްގެ އިތުރުން، ރާއްޖޭގެ ހުރިހާ އެއަރލައިންތަކަކުން ބައިވެރިވެއެވެ. އެހެންކަމުން އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު މި ހަރަކާތް ކުރިއަށްދަނީ މުޅި އެއަރޕޯޓްގެ ބައިވެރިވުމާއެކު ކުރިއަށްދާ ސޭފްޓީ ވީކެއްގެ ގޮތުގައެވެ. 

މުޅި ދުނިޔޭގައިވެސް ދަތުރުފަތުރުގެ އެންމެ ރައްކާތެރި ބާވަތަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް،  ނުރައްކާތެރި ޙާލަތްތައް އަހަރުން އަހަރަށް މަދުކުރުމަށް ޚާއްސަ އިސްކަމެއް ދޭ ސިނާޢަތެކެވެ.

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2011 ވަނަ އަހަރުން ފެށިގެން ވައިގެ ދަތުރުފަތުރުގައި ހިނގާ އެކްސިޑެންޓްތައް ވަނީ މަދުކުރެވިފައެވެ. 2011 ވަނަ އަހަރު 125 އެކްސިޑެންޓް ހިނގާފައިވާއިރު، 2014 ވަނަ އަހަރު 97 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި 2015 ވަނަ އަހަރު މިއަދަދުވަނީ 92 އަށް ދަށްކުރެވިފައެވެ. 

ސޭފްޓީ ވީކް ފެށުމުގެ ގޮތުން، ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވަނީ އައިކާއޯގެ ތަފާސް ހިސާބުތަކަށް އަލިއަޅުވާލާ، މިއަހަރުގެ ތެރޭގައި ވެލާނާ އެއަރޕޯޓަށް އައިސާގޯ ސެޓްފިކޭޝަން ލިބިފައިވާކަން ހާމަކޮށްފައެވެ. މި ސެޓްފިކެޓަކީ މަތިންދާބޯޓުތަކަށްދެވޭ ޚިދުމަތްތަކަކީ ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭ ޚިދުމަތްތަކެއްކަން ކަށަވަރު ކުރުމަށް ދޭ ސެޓްފިކެޓެކެވެ. 

ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީންގެ ދުރު ވިސްނުންފުޅާއި އެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ހިންގޭ އެތައް ބިޔަ މަޝްރޫޢުތަކާއެކު، އެއަރޕޯޓު ފުޅާވެ ކުރިއަރަމުންދާއިރު، ރައްކާތެރިކަމާއި ގުޅުންހުރި ފަރާތްތަކުގެ ޒިންމާއާއި މަސްޢޫލިއްޔަތުވެސް އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ދުރާލާ ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިހުނަށްވުރެ ވަރުގަދަކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ޢާދިލް ވިދާޅުވިއެވެ. އެގޮތުން ތިން އަމާޒެއް ހާސިލް ކުރުމަށް މަސައްކަތް ކުރަމުންދާކަން އާދިލް ފާހަގަކުރެއްވިއެވެ.