ޚަބަރު

އޭއައިބީޑީގެ 16 ވަނަ ޖެނަރަލް ކޮންފަރެންސް ރާއްޖޭގައި ފަށައިފި


އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިން ޑިވެލެޕްމަންޓް، އޭއައިބީޑީގެ 43 ވަނަ އަހަރީ ބައްދަލުވުމާއިއެކު، 16 ވަނަ ޖެނަރަލް ކޮންފަރެންސް ރާއްޖޭގައި ފަށައިފިއެވެ. އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި މީޑިޔާތަކުން، ބައިވެރިވާ މި ބައްދަލްވުންތައް މިއަހަރު އިންތިޒާމްކުރަނީ ޕަބްލިކް ސަރވިސް މީޑިޔާ، ޕީ.އެސް.އެމްގެ ފަރާތުންނެވެ.

އޭއައިބީޑީގެ 43 ވަނަ އަހަރީ ބައްދަލުވުމާއި 16 ވަނަ ޖެނަރަލް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަބްދުﷲ ޖިހާދެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ނާއިބުރައީސް ވިދާޅުވީ ޤައުމެއްގެ ތަރައްޤީއާއި ޑިމޮކްރަސީ ހަރުދަނާކުރުމުގައި މީޑިއާގެ ދައުރު ވަރަށް ބޮޑުކަމަށެވެ. ރާއްޖޭގައި މީޑިޔާގެ ދައުރު ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، ނައިބު ރައީސް ވިދާޅުވީ ޤައުމެއް ކުރިއަރާ ދިއުމުގައި މީޑިޔާއަށް ވަރަށް މުހިންމު ދައުރުތަކެއް އަދާ ކުރެވިދާނެ ކަމަށެވެ. ސަރުކާރާއި، ރައްޔިތުން ގުޅުވައިދޭ މައި ތަނބަކީވެސް މީޑިޔާ ކަމަށް ނާއިބްރައީސް ވިދާޅުވި. އަދި ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށްވާއިރު، މީޑިއާގެ ބޭނުމަކީ ރައްޔިތުންނަށް ހިތްހަމަނުޖެހުން ގެނެސްދިނުން ނޫންކަމަށާއި، މީޑިއާގެ ޒިންމާއަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ މޯޓިވޭޓް ކުރުންކަމަށްވެސް ނާއިބުރައީސް ވިދާޅުވިއެވެ.

އޭއައިބީޑީގެ މެންބަރު ޤައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތްތަކުން އެއްވަނަ ހޮވުނު ޓީވީ އާއި ރޭޑިއޯ ރިޕޯޓްތަކާއި ޕްރޮގްރާމްތައް ޢިއުލާންކޮށް އެވޯޑް ދިނުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ. ތަފާތު އިޖުތިމާޢީ މަޢުލޫތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ މޮޅު ޕްރޮގްރާމްތަކެއް މިއަހަރުވެސް ބައިވެރިކޮށްފައިވެއެވެ.

އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިން ޑެވެލެޕްމަންޓް، އޭއައިބީޑީގެ ބައްދަލްވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެކާވީހުން ތޭވީހަށް ބަންޑޮސް މޯލްޑިވސްގައެވެ.