ސިޔާސީ

އެމްޑީޕީ 60000 ރުފިޔާއިން ޖޫރިމަނާކޮށްފި


އިލެކްޝަންސް ކޮމިޝަނުން، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ 60000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި އެމްޑީޕީ ޖޫރިމަނާ ކުރި ސަބަބެއް ކަމަށް ބުނެފައިވަނީ އެޕާޓީގެ އެކްޓިވިސްޓެއް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުން، އެ ޗިޓްގައިވާ ގަޑިއަށް ފުލުސް އޮފީސް ކައިރިއަށް އެއްވުމަށް އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ގޮވާލާފައިވާތީ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ބުނެފައިވަނީ މިއަހަރުގެ އޭޕްރީލް މަހުވެސް އެފަދަ މައްސަލައަކާ ގުޅިގެން އެމްޑީޕީއަށް ނަސޭޙަތްތެރިވެފައިވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަންވެސް އެމްޑީޕީއަށް އޭޕްރީލް މަހުގެ ތެރޭގައި އަންގާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

 ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބުނެފައިވަނީ އެ ޤާނޫނާ ޚިލާފުވެއްޖެ ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ޤާނޫނާ ޚިލާފު ކަމެއް ސިޔާސީ ޕާޓީއަކުން ކޮށްފިނަމަ 30000 ރުފިޔާއާއި 75000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވެއެވެ.