ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިއްޔެ ކުރި ވިއްސާރައިގައި ށ. މިލަންދުއަށް ބޯކޮށް ވާރެވެހުމުގެ ސަބަބުން ލިބުނު ގެއްލުންތައް މޮނިޓަރ ކުރަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެމުން ޑިޒާސްޓަރ މެނޭޖަމްނަޓްގެ އޮފިޝަލަކު ވިދާޅުވީ، ވިއްސާރައިގައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވިނަމަވެސް، އެރަށުގެ 32 ގެއަކަށް ފެންވަދެ ފަރުނީޗަރުފަދަ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާކަމަށެވެ. އަދި ފެންވަދެ ކުދި ކުދި ގެއްލުންވި ގެތަކުގެ އަދަދު އިތުރުވުމަކީވެސް އެކަށީގެންވާކަމެއް ކަމަށާއި، މިލަންދޫ ކައުންސިލާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހަދަމުން އަންނަކަމަށްވެސް ޑިޒާސްޓަރއިން ބުނެއެވެ.
އިއްޔެ ފަތިހުން ފެށިގެން މިލަންދުއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިލަންދޫގެ ބޮޑު ސަރަހައްދެއްގައި ބޮޑުވި ފެންގަނޑު ސިފައިންނާއި ފުލުހުންގެ އިތުރުން އާންމު ރައްޔިތުންގެ އެހީތެރކަމާއެކު ރޭ މެންދަމާ ހަމައަށްވަނީ ހިއްކާފައެވެ. ބޯކޮށް ވާރެ ވެހޭނަމަ ދުރާލާ ވެލިބަސްތާ ޖަހައި، ގޭތެރޭގައި ގެންގުޅޭ ތަކެތި ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވަނީ އިލްތިމާސް ކޮށްފައެވެ.
އެސެންޓަރުން ބުނީ އިއްޔެ ކުރި ވިއްސާރާއިގައި ދ. ކުޑަހުވާދޫއަށްވެސް ބޯކޮށް ވާރޭވެހުނުކަމަށާއި، ނަމަވެސް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ މައުލޫމާތު އެސެންޓަރަށް އަދި ލިބިފައިނުވާކަމަށެވެ.
ރާއްޖެއަށް ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރައިގައި އިއްޔެ، ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ. މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑްކޮށްފައިވަނީ ހދ.ހަނިމާދޫއަށް ކަމަށް މެޓް އޮފީހުން ބުނެއެވެ.
އިއްޔެއާ އަޅާބަލާއިރު މިއަދު މޫސުން ރަނގަޅުކަމަށާއި، ދޭތެރެ ދޭތެރެއިން އެކި ސަރަޙައްދުތަކަށް ވާރޭ ވެހުނު ނަމަވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކުރެއެވެ.