ސިއްހަތު

މައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި


މައި ކޮލެޖާއި މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ ގުޅިގެން، ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފިއެވެ.

"ބްލަޑް ޑޮނޭޝަން ކޭމްޕް2017" ގެ ނަމުގައި ކުރިއަށްގެންދާ މި ކޭމްޕްގައި، ލޭ ހަދިޔާ ކުރުމާއި، ސިއްޙަތާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ކޭމްޕް އިފްތިތާޙްކޮށްދެއްވީ މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީގެ ޗެއަރ ޕަރސަން މަރިޔަމް ސުހާއެވެ.

ލޭ ހަދިޔާކުރުމާއި، ސިއްޙީގޮތުން ދިމާވާ އެކި މައްސަލަތަކަށް ދަރިވަރުން ހޭލުންތެރިކުރުމަށް މައި ކޮލެޖުން ގެންދަނީ "ބްލަޑް ޑޮނޭޝަން ކޭމްޕް"ގެ ނަމުގައި އަހަރަކު އެއްފަހަރު ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވަމުންނެވެ. މި ކޭމްޕްގައި މިފަހަރު ޔޫތް މިނިސްޓްރީއާއި ކެންސަރ ސޮސައިޓީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން(ޝީ)އިން މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މައި ކޮލެޖްގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ކޭމްޕްގައި ގައިން ގަޔަށް ނާރާ ބަލިތަކާއި، ކެންސަރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޅަފަތުގައި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅެގޮތުންވެސް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މި ކޭމްޕްގައި ދަރިވަރުންނަށް ހިލޭ ހެލްތް ސްކްރީނިންގ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮލެޖްގެ އެކި ޑިޕާޓްމަންޓްގެ ދަރިވަރުންނަށް ހުޅުވާލައިގެން "އިންޓަރ ޑިޕަރޓްމެންޓް މެރަތޯން ޗެލެންޖް"ގެ ނަމުގައި މިއަދު ހެނދުނު އެކުވެނި ސަރަހައްދުގައި ދުވުމުގެ ރިލޭއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ކޭމްޕްގައި ދަރިވަރުންނަށް ފަސްޓް އެއިޑާގުޅޭ މަޢުލޫމާތު ދިނުމުގައި ހަރަކާތްތެރިވަމުން ދަނީ ރެޑްކްރެސްންޓުން، އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށާއި ސްޓްރެސް މެނޭޖްމެންޓާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ޔޫތް މިނިސްޓްރީންނެވެ. މައި ކޮލެޖުގެ ރެކްޓަރ ޑރ. އާމާލް ޢަލީ ވިދާޅުވީ އެކޮލެޖުގެ އަމާޒަކީ ލޭ ހަދިޔާ ކުރުމަށް ދަރިވަރުން ހޭލުންތެރި ކުރުވައި، މިފަދަ ކަންކަމުގައި ޒިންމާދާރު ދަރިވަރުންތަކެއް މުޖުތަމަޢަށް ނެރެދިނުންކަމަށެވެ.

މި ކޭމްޕް ޚާއްސަ ވެފައިވަނީ ހަމައެކަނި ކޮލެޖްގެ ދަރިވަރުންނަށްކަމަށް ވީނަމަވެސް ކޮންމެ ދަރިވަރަކާއެކު އާއިލާގެ މެންބަރުންނަށާއި ރަހުމަތްތެރިންނަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ކޭމްޕް ކުރިއަށްދާނީ މިއަދު ހެނދުނު ނުވަގަޑި ތިރީހުން ހަވީރު ހައެއްޖެހުމާއި ހަމައަށެވެ.