ޚަބަރު

ފުލުހުންގެ ޚާއްޞަ އޮޕަރޭޝަން އަދިވެސް ކުރިއަށް!


ދާދިފަހުން މާލޭގައި ހިންގި އެކިއެކި މާރާމާރީތަކުގައި ތޫނު އެއްޗެހިން ޙަމަލާދީ މީހުންގެ ފުރާނައަށް ގެއްލުންދިން މީހުން ހޯދުމަށް ހިންގާ ޚާއްޞަ އޮޕަރޭޝަންގައި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފައެވެ. 

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީ.އެސް.އެމް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕާސަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، މާލޭގައި މާރާމާރީ ހިންގައި ތޫނު އެއްޗެހިން ހަމަލާދިނުން ހުއްޓުވާ އަމާން މާހައުލެއް ޤާއިމްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ. އަދި މިއޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަކަމަށާއި، އެކަން ކުރައްވަނީ ޤާނޫނީ ޢިމުގެ ތެރެއިންކަމަށެވެ. 

މި އޮގަސްޓް މަހުގެ ތެރޭގައި އެކަނިވެސް މާރާމާރީތަކާއި ގުޅިގެން، ތަންތަން ބަލައި ފާސްކޮސް ތޫނު ހަތިޔާރު ފަދަތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެތައް ބަޔަކު ހައްޔަރުކުރުކޮށް ތަހްގީގު ކުރަމުންދާއިރު، އެކިއެކި މައްސަލަތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމަށް އެމީހުންގެ ފޮޓޯއާއި މައުލޫމާތު ފުލުހުން ވަނީ އާންމުކޮށްފައެވެ. 

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ލިޓަސް ގަރާޖުގެ ތެރޭގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލާގައި އިއްޔެވެސް ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮފައެވެ. ދާދީ ފަހުން މާލޭގައި ހިންގި ދެމާރާމާރީގައި ދެމީހަކު މަރާލި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، މިކަމުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަގީންކަން ފުލުންހުންވަނީ ރައްޔިތުންނަށް ދެއްވާފައެވެ.