ރިޕޯޓް

44 ސުކޫލެއްގައި މަލްޓި ގްރޭޑް ޓިޗިން ތަޢާރަފްކޮށްފި


ރާއްޖޭގެ ސާޅީސް ހަތަރު ސުކޫލެއްގައި މަލްޓި ގްރޭޑް ޓިޗިން މިވަނީ ތަޢާރަފްކޮށްފިއެވެ. މަލްޓި ގްރޭޑް ޓީޗިންއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކޮށް ދަރިވަރުންނަކީ ހުނަރުވެރި ޤާބިލް ބަޔަކަށް ހެދުމަށްޓަކައި، އެއްވެސް ކުއްޖަކު ބާކި ނުކުރުމުގެ ސިޔާސަތުގެ ދަށުން އެޑިއުކެޝަން މިނިސްޓްރީން ފަށްޓަވާފައިވާ މަސައްކަތެކެވެ. 

މަލްޓިގްރޭޑް ޓީޗިންގ އަކީ އާބާދީ މަދު ސްކޫލްތަކުގައި އެކި ގްރޭޑްތައް އެއްކޮށްލައިގެން ކިޔަވައިދިނުމެވެ. އަދި މިކަމަކީ ކުރި އަރާފައިވާ ޤައުމުތަކުގައި ކިޔަވައިދިނުމުގައި  ބޭނުންކުރާ ގޮތެކެވެ. އާބާދީ މަދު ސްކޫލްތަކުގައި ދޭއް ނުވަތަ ތިން ކުދީންނަށް ކުލާހެއްގައި ކިޔަވައިދޭން ޖެހުމުން، ދަރިވަރުންގެ އިތުރުން ޓީޗަރުންނަށްވެސް އެކަށޭނަ ކިޔަވައިދިނުމުގެ މާހައުލެއް ޤާއިމް ނުކުރެވެއެވެ. އަދި ބައެއް ފިލާވަޅުތައް ހެދުމުގައި ދަތިތައް ދިމާވެ ދަރިވަރުންގެ ޝައުގުވެރިކަން ގެއްލިގެންދާތަން ފެނެއެވެ. އެހެން ނަމަވެސް މަލްޓި ގްރޭޑް ޓީޗިންގް މިފަދަ ސްކޫލްތަކަށް ތަޢާރަފްކޮށް ޢަމަލުކުރަން ފެށުމުން މިކަންކަމަށް ޙައްލުލިބޭނެކަމަށް ބެލެވެއެވެ. ރާއްޖޭގައި މަލްޓި ގްރޭޑްތަކަށް ކިޔަވައިދޭން ނިންމާފައިވަނީ ޤައުމީ މަންހަޖުގައި ހިމެނޭ ކީސްޓޭޖްތައް އެއްކޮށްގެންނެވެ. 

އެގޮތުން ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގްރޭޑް އެކެއް ދޭއް އަދި ތިނެއް އެއްކުރުމަށްފަހު މަލްޓިގްރޭޑްކޮށް ކިޔަވައިދެވޭ އިރު ކީސްޓޭޖް ދޭއްގައި ހިމެނޭ ގްރޭޑް ހަތަރަކާއި ފަހަކަށް ކިޔަވައިދޭނީ އެއްކޮށްލައިގެންނެވެ. 

ނިސްބަތުން ކުދިން މަދު ސްކޫލުތަކުގައި، ހުރިހާ ގްރޭޑެއްގެ ކްލާސްތަކަށް ޓީޗަރުން ހަމަކޮށް،  މަދު ކުދިންނަށް، ކިޔަވައިދިނުމަކީ އިޤްތިޞާދީގޮތުން ދެކޮޅުނުޖެހޭ، ޚަރަދުބޮޑު، އަދި ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލް ނުވެވޭ ބުރަ މަސައްކަތެކެވެ. އަދި މިކަމުގެ ސަބަބުން އިންސާނީ ވަސީލަތް ފުރިހަމަގޮތުގައި ބޭނުން ނުކުރެވި، ބޭކާރު ޚަރަދުތައް އިތުރުވެގެންދާ ކަމެއްކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މަލްޓިގްރޭޑް ޓީޗިންގ ތަޢާރަފު ކުރިގޮތަށް، ރާއްޖޭގައިވެސް މަލްޓި ގްރޭޑް ޓީޗިން ތަޢާރަފްކޮށްފައިވަނީ ރައްޔިތުންގެ ފިކުރާއި ވިސްނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ރިޢާޔަތްކޮށެވެ. މަލްޓި ގްރޭޑް ޓީޗިންގެ ސަބަބުން އެތައް ފައިދާތަކެއް ލިބިގެންދެއެވެ. އެގޮތުން ކުދިންގެ ވިސްނުން ވަރުގަދަވެ އިޖްތިމާޢި ގުޅުން ހަރުދަނާވެ، ކަރިކިއުލަމް ވިޝަންގައިވާ ގޮތަށް ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުމަށް މަގުފަހި ވުމާއި ދަރިވަރުންގެ ޤާބިލްކަން އިތުރުވެގެންދެއެވެ. މީގެ އިތުރުން ސްކޫލް ހިންގުމުގައި އިދާރީގޮތުން ދިމާވާ އުނދަގޫތަކަށް ހައްލު ލިބިގެންދާނެއެވެ.