ރިޕޯޓް

އެއަރޕޯޓް އެރައިވަލް ބެލްޓްތައް ދިގުކޮށް ފުޅާކުރުމުގެ މަސައްކަތް!


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރާ ފަރާތަކަށް، ފަސޭހަ އަދި އަވަސް ޚިދުމަތެއް ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ. 

އެގޮތުން އެއަރޕޯޓްގައި ބޭނުންކުރާ އެރައިވަލް ބެލްޓްތައް ދިގުކޮށް ފުޅާކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި ފަތުރުވެރިކަން ފުޅާވުމާއި، ރާއްޖެއިން ބޭރަށް ޒިޔާރަތްކުރާ ދިވެހިންގެ ޢަދަދުދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގެ ދަތުރުފަތުރުގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ބޭނުންކުރާ ފަރާތްތަކަށްދޭ ޚިދުމަތްތައް ފުޅާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޓް އެމްއޭސީއެލްއިން އަންނަނީ އެއަރޕޯޓް ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީހުން ދަތުރުކުރާ މިންވަރު އިތުރުވަމުން އަންނަވަރަކަށް ޚިދުމަތްތައް ފުޅާކޮށް ގިނަ މީހުންނަށް އެއްފަހަރާ ޚިދުމަތް ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ މައިގަނޑު އެއް އަމާޒެވެ. 

އެގޮތުން އެއަރޕޯޓް އެރައިވަލްގައި ބޭނުންކުރާ ލަގެޖު އުފުލާ ބެލްޓްތައް ދިގުކޮށް ގިނަ ދާގީނާ އުފުލޭ ގޮތަށް ބެލްޓް ދިގުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. މި މަސައްކަތާއި ގުޅޭގޮތުން ޓާމިނަލް ސަރވިސެސްގެ ޖެނެރަލް މެނޭޖަރ އިބްރާޙިމް ހުސައިން ވިދާޅުވީ ބެލްޓް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ދަނީ އޮކްޓޯބަރ މަހަކީ ގިނައަދަދަކަށް ރާއްޖެއަށް މީހުން ޒިޔާރަތްކުރާ ސީޒަނަކަށްވެފައި، އެއްފަހަރާ ގިނަ ބަޔަކަށް އަވަސް ޚިދުމަތެއް ދިނުމަށް ކަމަށެވެ. ލަގެޖް ބެލްޓް ދިގު ކުރުމުގެ ސަބަބުން ކިއުގައި ޖެހޭ ވަގުތު އެތައް ގުނައަކަށް ކުޑަވެގެންދާނެކަމަށެވެ. 

އިބްރާޙީމް ހުސައިން ވިދާޅުވީ ކަސްޓަމަރުންނަށްދޭ ޚިދުމަތް ރަނގަޅުކުރުމަށް ފަށާފައިވާ ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ދެމަސްދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ފޫޑް ކޯޓުގެ މަސައްކަތާއި ގޭޓް އެކެއް ދޭއް އަދި ތިނެއް ބޮޑުކުރުމާއި ހަތަރު ބުރީގެ އެއަރލައިން ކޮމްޕްލެކްސްގެ މަސައްކަތް ހިމެނެއެވެ. އަދި އިތުރު ތިން ޕްރޮޖެކްޓެއް ދެމަސް ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އިބްރާޙީމް ހުސައިން ވިދާޅުވިއެވެ. އެގޮތުން ޑިޕަރޗަރ ޗެކިން ކުރާ ސަރަހައްދު ބޮޑުކުރުމާއި، ޑޮމްސްޓިކް ޓަރމިނަލް ބޮޑުކުރުމުގެ ޕްރޮޖެކްޓަކާއި ހަތަރުބުރީގެ ވީއައިޕީ ޓަރމިނަލްގެ މަސައްކަތް ފާހަގަ ކޮށްލެވޭ.

 އެއަރޕޯޓްގެ ފަންސާސްއަހަރުގެ ތާރީޚްގައި އެއަރޕޯޓްގެ ޚިދުމަތް ފުޅާކުރުމަށް މިހާގިނަ ޕްރޮޖެކްޓްތަކެއް އެއްފަހަރާ ހިންގާ މިއީ ފުރަތަމަ ފަހަރެވެ.