ސިޔާސީ

ކޮރަޕްޝަން ފައިސާގަ ހިފި މެންބަރަކު މިވަގުތު ޕީޕީއެމްގައެއް ނެތް!


ކޮރަޕްޝަން ފައިސާއިން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކު މިވަގުތު ޕީޕީއެމްގައި ނުހުންނާނެކަމަށް އެޕާޓީން ބުނެފިއެވެ.

ރުމާލު 2 ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، އަދީބުގެ ކޮރަޕްޝަން ފައިސާއިން ޚަރަދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބުކުރަންތޯ ބަލަންޖެހޭކަމަށާއި، އަދީބުގެ ފައިސާ ހޭދަކޮށްގެން އިންތިޚާބުވި މެންބަރުން، މެންބަރުކަމުން އިސްތިއުފާދެއްވައި އަމިއްލަ މަސައްކަތްތަކުން އަލުން އިންތިޚާބުވާންޖެހޭ ކަމަށެވެ.

ރައީސްގެ މި ވާހަކަފުޅަށް ތާޢީދުކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ، އަދީބުގެ ކޮރަޕްޝަންގެ ފައިސާ ބޭނުން ކުރެއްވި މެންބަރުންނާއި، އެފައިސާ ބޭނުންކުރެއްވި ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެ ފައިސާއިން އިންތިޚާބުވި މެންބަރުންނަކަށްކަމަށެވެ. އަދި މެންބަރުން ހޮވުމަށް ޚަރަދުކުރި ފައިސާ ބެހެއްޓީވެސް އަދީބުގެ އަތުގައިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މާލީ ފައިދާއަށްޓަކައި ޕާޓި ބަދަލުކޮށްފައިވާކަމަށް ޕީޕީއެމާއި ސަރުކާރުން އަންނަނީ ތުހުމަތުކުރަމުންނެވެ.

ބޮޑެތި ޢަދަދުތަކުން ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލާ ސަރުކާރުން ވަނީ ރައީސް ޔަމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އެފައިސާ ހޯދުމަށް އަމާޒު ކަނޑައަޅުއްވައި މަސައްކަތްތަކެއް ފަށްވާފައެވެ.