ދުނިޔެ

މިސްރުގައި އިއްވާފައިވާ މަރުގެ ހުކުމްތަކާމެދު ކަންބޮޑުވާކަން ހާމަކޮށްފި


 


 


މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ 500 އަށްވުރެ ގިނަ މެންބަރުން ގެ މައްޗަށް މިސްރުގެ ކޯޓަކުން ދާދިފަހުން އިއްވާފައިވާ މަރުގެ ހުކުމްތަކާމެދު ކަންބޮޑުވާކަން އދ. ން މިސްރަށް އަންގައިފިއެވެ.


 
 މިކަން މިސްރަށް އަންގާފައިވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން، މިސްރުގެ ޚާރިޖީ ވަޒީރު ނަބީލް ފަހްމީ އާ ބްރަސަލްސްގައި އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ޕްރެސް އޮފީހުންބުނީ އިޚްވާން ޖަމާއަތުގެ 500 އަށްވުރެ ގިނަ މެންބަރުން ގެ މައްޗަށް މިސްރުގެ ކޯޓަކުން ދާދިފަހުން އިއްވާފައިވާ މަރުގެ ހުކުމްތަކާމެދު އދ. ކަންބޮޑުވާކަން ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން، މިސްރުގެ ޚާރިޖީ ވަޒީރު ނަބީލް ފަހްމީ އަށް ދެންނެވި ކަމަށެވެ.


 
މީގެއިތުރުން މިސްރުގެ ސަރުކާރުން ނޫސްވެރިން ހައްޔަރުކޮށް މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅާ މައްސަލާގައިވެސް ކަންބޮޑުވެ ވަޑައިގަންނަވާކަން ބާންކީ މޫން، މިސްރުގެ ޚާރިޖީ ވަޒީރު ނަބީލް ފަހްމީ އަށް ދެންނެވި ކަމަށް އދ. ގެ ޕްރެސް އޮފީހުން ބުނެއެވެ.