ކުޅިވަރު

ނިއުރޭޑިއަންޓަށް ޞޮބާގެ ވަރުގަދަ ޗެލެންޖެއް


ނިއުރޭޑިއަންޓް މެޗުން ނިކުމެދާނެ ނަތީޖާއަކާއިމެދު ނުވިސްނާކަމަށާއި، ނިއުރޭޑިއަންޓަށް ގްރީން ސްޓްރީޓްސް ބަލިކުރަން ފަސޭހަ ނުވާނެކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް ސޮބާހު މުޙައްމަދު ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހަވީރު ނިއުރޭޑިއަންޓާ ވާދަކުރާ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސޮބާ ބުނީ ގްރީން ސްޓްރީޓްސްއަކީ ދޫދޭނެ ޓީމެއް ނޫންކަން މާލޭ ލީގުން ސާބިތުކޮށްދީފައިވާނެކަމަށާއި، މާދަމާގެ މެޗަކީވެސް އެޓީމަށް ބޮޑު މެޗެއްކަމަށެވެ. ބަލިވިޔަސް ބަލިވާނީ ވަރުގަދަ ވާދައެއް ކޮށްގެންކަމަށާއި، ކިތަންމެ މޮޅު ކުޅުންތެރިންނެއް ނިއުގައި ތިއްބަސް ފަސޭހައިން ގްރީން ސްޓްރީޓްސް ބަލިނުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އޭނާ ބުންޏެވެ. ސޮބާ ބުނީ ހުރިހާ ކުޅުންތެރިންވެސް ތިބީ އެ އަޒުމުގައިކަމަށާއި، މާދަމާގެ މެޗުގައިވެސް އޭނާގެ ޕްލޭނާއި އެއްގޮތަށް ކުޅުންތެރިން މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެކަމަށެވެ.

ނިއުރޭޑިއަންޓްގެ ކޯޗް އޮސްކާ ބުރުޒޯން ބުނީ ގްރީން ސްޓްރީޓްސް މެޗަކީ ލީގުގައި އެޓީމް ކުޅޭނެ އެންމެ މުހިންމު މެޗުކަމަށާއި، ބާކީ ހުރި މެޗުތަކުގެ ވާހަކަ ދެއްކެން އޮތީވެސް އެ މެޗް ކާމިޔާބުކޮށްގެންކަމަށެވެ. މެޗުން ބަލިވެއްޖެނަމަ ލީގު ހޯދަން އުނދަގޫތަކަކާއި ކުރިމަތިލާންޖެހޭނެކަމަށާއި، ގްރީން ސްޓްރީޓްސްއަކީ ލީގުގައި ކުޅޭ ޓީމްތަކުގެ ތެރެއިން ކައުންޓަރ އެޓޭކްގައި އެންމެ ނުރައްކާތެރި ޓީމްކަމަށްވެސް އޭނާ ބުންޏެވެ.

ގްރީން ސްޓްރީޓާއި، ނިއުރޭޑިއަންޓް ވާދަކުރާ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.