ޚަބަރު

ދެމެހެއްޓެނިވި މަަސްވެރިކަމަށް ބާރު އަޅާ "ކޯލް ފޮރ އެކްޝަން"


އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 21 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އިސްނަގައިގެން، އިންޑިއާ ކަނޑުން އެކި ޤައުމުތަކަށް މަސްބޭނޭނެ މަތީ މިންވަރު ކަނޑައެޅުމާއި ބެހޭގޮތުން ހުށަހަޅާފައިވާ ގަރާރުގައި ބަޔާންކުރާ ކަންކަން ހާސިލްކުރުން އަވަސްކުރުމަށް ގޮވާލާ "ކޯލް ފޮރ އެކްޝަން" އެއް ފާސްކޮށްފިއެވެ.

މި ކޯލް ފޮރ އެކްޝަން ފާސްކޮށްފައިވަނީ، މި ގަރާރާއި މެދު އިންޑިއާ ކަނޑުގެ އައްސޭރިފަށު ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ހިޔާލު އެއްގޮތްކުރުމަށް، ދިވެހިރާއްޖެއިން އިންތިޒާމްކޮށްގެން މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ބައްދަލުވުމުގައެވެ.

މި ކޯލް ފޮރ އެކްޝަންގައި ރާއްޖެ ހިމެނޭހެން އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ 4 ޤައުމަކުން ވަނީ ސޮއިކޮށްފައެވެ. އެޤައުމުތަކަކީ ސައުތު އެފްރިކާ، ޕާކިސްތާން އަދި ސީޝެލްސްއެވެ. އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމު އިއްތިފާގުވެގެން ގޮވާލެވޭ 'ކޯލް ފޮރ އެކްޝަން" ގެ ސަބަބުން އިންޑިއާ ކަނޑުގެ އައްސޭރިފަށު ޤައުމުތައް ބާރުވެރިކޮށް އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަން ކުރާ ޤައުމުތަކުން މި ސަރަހައްދުގައި ދަމަހައްޓަމުން އަންނަ ނުފޫޒު ކުޑަކުރެވޭނެ ގޮތްތަކަކަށް އަދި އިންޑިއާ ކަނޑުގައި ކުރެވޭ ކަނޑުމަސްވެރިކަމުގެ ނަފާ އެންމެ ފުޅާ ދާއިރާއެއްގައި އިންޑިއާ ކަނޑުގެ އައްސޭރިފަށު ޤައުމުތަކަށް ލިއްބައިދިނުމަށް ދިވެހި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، ދެން ކުރިއަށް އޮތީ ޓެކްނިކަލް ކޮމިޓީގެ ބައްދަލުވުމެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ޤައުމުތަކަކުން ރާއްޖެއިން ހުށަހަޅާފައިވާ ގަރާރަށް ތާއިދުކޮށް ސޮއިކުރުމަށް ރާއްޖެއިން ބާރު އަޅަމުންދާ ކަމާއި އެކަމާއި ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެކުނު އެފްރިކާ، ސީޝެލްސް، ޕާކިސްތާން އަދި ކެންޔާގެ ފިޝަރީޒް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި އީރާން، އިންޑޮނީޝިއާ، ސޯމާލިއާ، މޮޒަންބީކް، ކޮމޮރޮސް، މޮރިޝަސް އަދި ޓެންޒޭނިއާގެ މަސްވެރިކަމުގެ ދާއިރާގެ އިސްވެރިން ބައިވެރިވެރިވެފައިވެއެވެ.

ދިވެހިރާއްޖެއިން އިސްނަގައިގެން، އިންޑިއާ ކަނޑުން އެކި ޤައުމުތަކަށް މަސްބޭނޭނެ މަތީ މިންވަރު ކަނޑައެޅުމާއި ބެހޭ ގަރާރެއް ވަނީ މިއަހަރުގެ މޭމަހު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 21 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައެވެ.

މި ގަރާރާއި މެދު އިންޑިއާ ކަނޑުގެ އައްސޭރިފަށު ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ހިޔާލު އެއްގޮތްކުރުމަށް، ބޭއްވި ބައްދަލުވުމުގައި ސައުތު އެފްރިކާގެ ފިޝަރީޒް މިނިސްޓަރ ސެންޒެނީ ވާހަކަދައްކަވަމުން ވަނީ ރާއްޖެއިން މިކުރާ މަސައްކަތަށް ތައުރީފް ކޮށްފައެވެ. އަދި ރާއްޖެއިން ކުރާ މަސައްކަތްތަކުގައި ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީޝެލްސްގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޕާމެލަރ ޝާލެޓްވެސް ވަނީ ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ދެޤައުމަކީވެސް ގުދުރަތީގޮތުން އެއްކަހަލަ ސިފަތަކެއް ލިބިފައިވާ ޤައުމެއް ކަމަށާއި، ރާއްޖެއިން އިސްނަގައިގެން މި ކުރާ މަސައްކަތުގެ ސަބަބުން ދެ ޤައުމަށްވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައިކުރާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކެރެވޭ، ތިމާވެއްޓާއި ރައްޓެހި އަދި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކަށް އެމަސްވެރިކަމުގެ ނަފާ އެންމެ ފުޅާ ދާއިރާއެއްގައިކުރާ މަސްވެރިކަމެއްގެ ގޮތުގައި ހެދުމަށްޓަކައި ދިވެހިރާއްޖެއިން އިސްނަގައިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ދިވެހިރާއްޖޭގައި ކުރާ ކަނޑުމަސްވެރިކަމަކީ ތިމާވެއްޓާއި ރައްޓެހި އެންމެ ސާފު މަސްވެރިކަމެއްގެ ގޮތުގައި މުޅި ދުނިޔޭގައި ބަލައިގަނެފައިވާ މަސްވެރިކަމެކެވެ. އަދި މިރީތި ނަން ދަމަހައްޓާ އިތުރަށް އިސްތިހާރު ކުރުމަށް ސަރުކާރުން ކުރައްވާ ބުރަ މަސައްކަތްތަކުގެ ސަބަބުން، މަސްވެރިންނަށް ރަނގަޅު އެގެއް ދިނުމަށް މަގުފަހިވެގެންދާނެއެވެ.