ޚަބަރު

އަނަސްގެ މަރާބެހޭ މަޢުލޫމާތު ޢާއިލާއާ ޙިއްސާކޮށްފި


މިދިޔަމަހުގެ 31 ވަނަ ދުވަހުގެރޭ ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ ތަހްޤީޤުގެ އެންމެ ފަހުގެ މައުލޫމާތު އޭނާގެ ޢާއިލާއާ ޙިއްސާކޮށްފިއެވެ.  

ލިޓަސް ގަރާޖުގައި އަނަސް މަރާލި މައްސަލައިގެ މައުލޫމާތު އަނަސްގެ ބައްޕައާ ބައްދަލުކޮށް ޙިއްސާކުރީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފުއެވެ. މުހައްމަދު އަނަސް މަރާލުމުގައި ޢަމަލީ ގޮތުން ބައިވެރިވި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މާރާމާރީތަކާ ގުޅިގެން ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން މިމީހުން ހައްޔަރުކުރީ މާފަންނު އަސަރީހިޔާގެއިން ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އަނަސްގެ މަރުގެ މައްސަލާގައި ހިމެނޭ މީހުންގެ އިތުރުން މާލޭގައި މިފަހުން ހިންގާފައިވާ މާރާމާރީތަކާ ގުޅިގެން ހޯދަމުންދާ ބަޔަކުވެސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

މިދިޔަމަހުގެ 31 ވަނަ ދުވަހުގެރޭ ގަލޮޅު ހަދީބީ މަގުގައި ހުންނަ ލިޓަސް ގަރާޖު ކައިރީގައި ހުއްޓާ އަނަސްއަށް ހަމަލާދީފައިވާއިރު، އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.