ޚަބަރު

ޔޫކޭ ވިސާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ރާއްޖެއިން އެކި ބޭނުންތަކަށް އިނގިރޭސިވިލާތައް ދަތުރުކުރާ ދިވެހިންނަށް ވިސާއަށް އެދުމުގެ ފުރުސަތު ފޮރިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަށް އިނގިރޭސި ވިލާތުގެ ވިސާގެ ޚިދުމަތް ފޮރިންގ މިނިސްޓްރީގައި ގާއިމްކޮށްފައިވާ ވިސާ އެޕްލިކޭޝަން ސެންޓަރުން ލިބިގެންދާނެކަމަށް އެމިނިސްޓްރީން މައުލޫމާތުދެއްވައެވެ. މި ޚިދުމަތާއި ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ވިސާގެ ލުއި ފަސޭހަކަން ހޯދައިދިނުމަކީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް އަމާޒުކަމަށްވީއިރު، އެސިޔާސަތުގެ ދަށުން އެކި ޤައުމުތަކަށްދާ ދިވެހިންނަށް ފަސޭހަކަމާއެކު ވިސާލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން މީގެ ކުރިން ސްރީލަންކާއަށް ގޮސް އިނގިރޭސިވިލާތަށްދާ ދިވެހިން ވިސާހޯދުމަށް ކުރާ މަސައްކަތް ލުއި ކޮށްދިނުމަށްޓައި ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރާއި ގުޅިގެން ގާއިމްކުރި ވިސާ އެޕްލިކޭޝަން ސެންޓަރު މެދުވެރިކޮށް ވިސާ ހޯދާ ދިވެހިން އިތުރުވަމުން އަންނަކަން މިނިސްޓަރ އާސިމް ފާހަގަކުރެއްވިއެވެ.

މާލޭގައި ގާއިމްކުރި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން މިއަދާއި މާދަމާގެ ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށް އިގިރޭސިވިލާތުގެ ވިސާއާއި ގުޅޭ ތަފާތު ޚިދުމަތް ދިނުމަތް ހަމަޖެހިފައިވެއެވެ. މި ދެދުވަހު ވިސާއަށް އެދިލެއްވުމުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވިސާ ހަމަޖެހޭނެކަމަށް ފޮރިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.  

މީގެ އިތުރުން ޔޫރަޕްގެ އެހެން ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދަވާކަމަށާއި، ކަމާބެހޭ ފަރާތްތަކާއެކު އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށް ފޮރިންގ މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވިއެވެ.